ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށް ބުނެ، އެކަމުގައި އިހުމާލުވީ ވެރިންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ނަގާނެ ކަމުގެ އިންޒާރު ދީފި އެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު، ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި އިދިކޮޅު ޕީޕީއެމް، އެމްއެންޕީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް ގުޅިގެން މިކަމާއި ދެކޮޅަށް ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.
މި ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އުޝާމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހިންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. އެއީ ސަރުކާރުން ޒިންމާވާންޖެހޭނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މި ކަމުގައި އުޅުއްވި ބޭފުޅުންނާ ދެކޮޅަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އުޝާމް ވިދާޅުވިއެވެ.
“ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަތަކެއް ވައްދާނަން އެކަމުގައި އުޅުނު ބޭފުޅުންގެ މައްޗަށް،” އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅު ހާމަކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް މިދިޔަ އަހަރު ހުށަހެޅިކަމަށެވެ.
ނަމަވެސް އަދިވެސް އެ ސިޓީއަށް ޖަވާބެއް ނުލިބޭކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ތައްޔާރުވަމުން އަންނައިރު، އެ މަސައްކަތް ކުރިއަށްދާ މިންވަރަކުން ތަފްސީލް ހާމަކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.