English Edition
Dhivehi Edition

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ނެރެފި އެވެ. އެގޮތުން ދާއިމީ ލިސްޓުގައިވާ ގޮތުން 264،442 މީހުންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވެ އެވެ.

ބައެއް ކެންޑިޑޭޓުން ގެ ނަންތައް އަނބުރާ ނަގާފައިވާތީ އިންތިޚާބުގައި ވާދަކުރަން މިހާރު ތިބީ 387 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ވޯޓު ފޮށީގެ އަދަދު 505 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމީހަކު ވޯޓުލި މަރުކަޒަށް މިފަހަރުގެ އިންތިޚާބުގައި ބަދަލުތަކެއް އައިސްފައިވާނެ ކަމަށެވެ. އެހެންވެ ވޯޓުލާންޖެހޭ މަރުކަޒު ލިސްޓުން ރަނގަޅަށް ބެލުމަށް އީސީން ވަނީ އެދިފަ އެވެ.
މީގެ ކުރީ އިންތިޚާބަށްވުރެ، މިފަހަރުގެ އިންތިޚާބުގައި ބޮޑަށް މަސައްކަތްކޮށްފައިވާނީ އެ ދާއިރާއެއްގެ ވޯޓު ފޮށި އެއް މަރުކަޒެއްގައި ބެހެއްޓުމަށް ކަން އަކްރަމް ފާހަގަކުރެއްވި އެވެ. އެގޮތުން މާލޭގައި 17 އިމާރާތެއްގައި ކޮންމެ ތަނެއްގައި ހަތަރު ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.