English Edition
Dhivehi Edition

ތަނެއް ތަރައްގީ ކުރެވެން އޮތީ ފުރަތަމަ އަސާސީ ހިދުމަތްތައް އެތަނެއްގައި ގާއިމްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ މެމްބަރުންނަށް ކެމްޕެއިން ކުރެއްވުމަށް ހދ. ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށާއި ތަނެއް ތަރައްގީ ކުރެވެން އޮތީ ފުރަތަމަ އަސާސީ ހިދުމަތްތައް އެތަނެއްގައި ގާއިމްކޮށްގެން ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ޓަކައި މަޖިލިސް މެމްބަރުންގެ ތާއީދު ބޭނުންފުޅުވާ ކަމަށާއި، އެހެންކަމުން އެމްޑީޕީގެ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.