English Edition
Dhivehi Edition
ރައީސް ސޯލިހް ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ޓުވިޓާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް އިންތިޚާބުނުކޮށްފިނަމަ ދާނީ ބަޣާވާތަކާ ދިމާއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިހެން ވިދާޅުވީ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ ކެންޕެއިންގެ ތެރެއިން ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުގައި ތިބެން ޖެހޭނީ އެޖެންޑާ 19 އަށް ތާއިދުކުރާ މީހުން ކަމަށެވެ. އެހެން ނޫންނަމަ ކުރިންވެސް ކަންތައްވިހެން ސަރުކާރު ހުއްޓި ވައުދުތައް ނުފުއްދި ބޮޑު ބަޣާވާތަަކާ ދިމާއަށް މިސްރާބްޖަހާތަން ފެނިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބްގައި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީން ހުރިހާ ގޮނޑިއަކަށް ދަނީ ވާދަކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އެމްޑީޕީއާ ވަރަށް ބޮޑަށް ގުޅުން ވަނީ ގޯސްވެފައެވެ. އަދި ޖޭޕީން ވަނީ ޕީޕީއެމް އަދި ޕީޕީއެމްއާ ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ނިންމައިފައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތްކުރީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލަން އެއްބަސްވެގެންނެވެ. އަދި މަޖިލީސް އިންތިޚާބާއި، ކައުންސިލް އިންތިޚާބުގައި ހުރިހާ ޕާޓީތައް ގުޅިގެން ވާދަކުރަން ނިންމާ، ޕާޓީތަކަށް ހިއްސާދޭނެ މިންވަރާއިމެދުވެސް އެއްބަސްވެގެންނެވެ.

ނަމަވެސް މަޖިލީސް އިންތިޚާބަށް ތައްޔާރުވާން ފެށުމުން އެމްޑީީޕީން ވަނީ އެ އެއްބަސްވުން އުވާލާ އެހެން ޕާޓީތަކާއި ވަކިން ވާދަކުރަން ނިންމާފައެވެ. މި ނިންމުމާއެކު ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުންވެސް މަޖިލީސް އިންތިޚާބުގައި ވާދަކުރަނީ ވަކިންނެވެ.