ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅަން އަލުން ވޯޓު ނަގަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން މައްޗަން ގޮޅީ މެދު ދާއިރާގެ ބަހުސްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އޮންނަން ފެންނަން ބޭނުންވަނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލުއުފައްދައެވެ. އޭރު ވޯޓު ނެގިއިރު ވޯޓުލުން ހައްގުވާ މިންވަރަށް ވުރެ ގިނައިން ވޯޓުލި ކަމަށާއި އެ ވޯޓު އަލުން ނަގަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އެމްޑީޕީއާ އިދިކޮޅު ބައެއް ޕާޓީތަކުން ބުނަމުންދާއިރު، ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލެއް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ވަކި ހިސާބަކަށް އިސްލާހު ކުރެއްވުމަށްފަހުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ކަމަށާއި އެވޯޓަށްފަހު ވޯޓް ހައްގުވާ މީހުންނަށްވުރެ އިތުރަށް ވޯޓް ލީކަމަށްވެސް އިއުލާންކުރިކަމަށެވެ. އަދި އެވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީކަމަށް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން،” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ވޯޓުގައި ރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައެޅިނަމަވެސް ރައްޔިތުންގެ ނިންމުމަށް އަމަލުކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ، އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން، ރާއްޖޭގެ ރައްޔިތުން މިރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައަޅައިފިނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް އަމަލު ކުރިނަމަވެސް މިހުރީ ތައްޔާރަށް،” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގައި ސުލުހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި އެ ހަރަކާތަކީ ރައްޔިތުންގެ ބައިވެރިވެގެން ހިންގޭ ނިޒާމަކަށް ހެދުމަށް ކަމަށެވެ. ދިވެހިރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް އެކަށައެޅިފައިވާ ކަމަށާއި ދިވެހިރާއްޖޭގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަން ރުފިޔާއަށް އެމްޑީޕީއަށް ގެނެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބަހުސްގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަޣާވާތްކުރުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ދީން ހަތިިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން މީހުންގެ މެދުގައި ނުތަނަވަސްކަން އުފެެއްދުމަށްވެސް ޖާގައެއް ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.