ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ގަބޫލުކުރާ މީހުންގެ ޝަކުވާ ބެލުމަށް އުފައްދާފައިވާ ކޮމިޓީން އަދި މިހާތަނަށް އެއްވެސް މީހަކަށް ވަޒީފާދޭން ނުނިންމާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ކުރީ ސަރުކާރުގައި ވަޒީފާގެ މައްސަލަތަކުގައި ނުހައްގުން ފިޔަވަޅު އަޅާފައިވާ މީހުންނާއި، ސިޔާސީ ބޭނުންތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކަމާގުޅޭ ކޮމިޓީއެއް ރައީސް އޮފީހުން ވަނީ އުފައްދާފައެވެ.
ރައީސް އޮފީހުން ބުނީ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާ އިން ވަކިކުރި ކަމަށް ބުނެ ދައުލަތުގެ 49 މުވައްސަސާއަކުން 800 ޝަކުވާ އެ އޮފީހަށް ލިބުނު ކަމަށެވެ. އެގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހެޅީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާތަކުން ވަކިކޮށްގެން ކަމަށެވެ.އަދި ފެނަކައިން 125 ޝަކުވާ ، އެމްޕީއެލްއިން 55 ޝަކުވާގެ ފޯމް ލިބުނު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ޝަކުވާ ރައްދުވާގޮތަށް 85 ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 169 ޝަކުވާއަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ޝަކުވާތައް ރައްދުވާ މުވައްސަސާތަކަށް ހުށަހަޅާފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މިމައްސަލަތައް ބަލަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކަށް ވަޒީފާ އަނބުރާ ދިނުމަށް ނިންމާފައި ނުވާ ކަމަށެވެ. ކޮމިޓީއަށް ފާހަގަކުރެވޭ ކަންކަން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް، ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތައް އޮޅުންފިލުވަމުން އަންނަ ކަމަށެވެ.
އެއްވެސް މީހަކަށް ވަޒީފާ އިއާދަކޮށްދޭން ޖެހޭ ކަމަށް ކޮމިޓީން އަދި ނުނިންމި ނަމަވެސް ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ބައެއް މީހުންނަށް މިހާރުވެސް ވަޒީފާ އިއާދަވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. އެއީ ސީދާ އެ އިދާރާއަކަށް މީހުން މައްސަލަ ހުށަހަޅައިގެން އިދާރާއިން އެމައްސަލަ ބަލައި ވަޒީފާ ދޭން ނިންމި މީހުން ކަަމަށާއި އެއީ ކޮމިޓީން މައްސަލަ ބަލައި ވަޒީފާ ދޭން ނިންމި ބައެއް ނޫން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީފާގެ މައްސަލަތަކުގައި ނުހައްގުން ފިޔަވަޅު އަޅާފައިވާ މީހުންނާއި، ސިޔާސީ ބޭނުންތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ މައްސަލަތައް ބަލައި އެފަދަ މީހުންނަށް އިންސާފު ހޯއްދައިދެއްވާނެ ކަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތަކުރާރުކޮށް ވައުދުވެވަޑައިގެންފައެވެ. އަދި ބޭއިންސާފުން ވަޒީފާ ގެއްލުނު މީހުންނަށް އިންސާފު ހޯދައިދިނުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ވަނީ ހިމަނާފައެވެ.