English Edition
Dhivehi Edition

މިމަހު 25 ވަނަ ދުވަހު “ޗަޕާކް” ގެ ފުރަތަމަ ފެނިލުން ދައްކާލީ އެފިލްމްގެ ބަތަލާގެ ރޯލުން ފެނިގެންދާ ދީޕިކާ ޕަޑުކޯންއެވެ.

ދީޕިކާގެ ޓްވިޓާގައި އޭނާ އެ ފިލްމްގައި ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް ދައްކާލުމާއި އެކު ބޮލީވުޑްގެ ފަންނާނުންގެ އިތުރުން އެތައްބަޔަކު ދަނީ އޭނައަށް ތައުރީފް ކޮށް ޓްވީޓްކުރަމުންނެވެ.

ފިލްމްގެ ޝޫޓިންގ ހޯމަ ދުވަހު ފަށާފައިވާ ކަމަށާއި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ގައި ކަމަށް ދިޕިކާ ވަނީ ޓްވީޓްގައި ބުނެފައެވެ. އަދި މިފިލްމްގައި އޭނާއަށް ކިޔާނަމަކީ “މަލްޓީ” ކަމަށްވެސް އޭނަވަނީ ޓްވިޓާގައި ބުނެފައެވެ. މިފިލްމަކީ މޭގްނާ ގުލްޒާރް ޑައިރެކްޓް ކޮށް ލީނާ ޔަދަވް ޕްރޮޑިއުސް ކުރާފިލްމެކެވެ.

ޗަޕާކް އަކީ އެސިޑް އެޓޭކް އެއްގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖެއްގެ ހަޔާތަށް ބިނާކޮށް ހަދާފިލްމެކެވެ. މިފިލްމްގައި ދިޕިކާ ފެނިގެންދާނީ 2005 ވަނަ އަހަރު އުމުރުން 15 އަހަރުގައި އެސިޑްގެ ހަމާލާ އެއްގެ ޝިކާރައަކަށް ވި އިންޑިއާގެ ލަކްސްމީ އަގަރްވާލްގެ ރޯލުންނެވެ. ލަކްސްމީ އަށް އެސިޑްގެ ހަމަލާދިނީ އޭނައާއި ކައިވެނިކުރުމަށް ގުއްޑާ ނަމަކަށް ކިޔާ 32 އަހަރުގެ ފިރިހެނަކު އެހުމުން އެކަމާ އިންކާރުކުރުމުންނެވެ.

މި ޕޯސްޓަރ ފެނިފައި ވާ ބައެއް ފަންނާނުން ބުނެފައިވަނީ ދިޕިކާގެ އެފޮޓޯއިން އޭނަގެ ގައިގައި އަޅާ ވޭން އަދި ތަދުތަކުގެ އިހްސާސް މޫނުމަތިން ފެންނަ ކަމަށާއި ނަމަވެސް އޭނަގެ ލޮލުން ހިތްވަރާއި އުންމީދު ފެންނަ ކަމަށެވެ. އަސަރުގަދަ ފެނުލުމަކުން ފެނިލި މި ޕޯސްޓަރ އަށްފަހު މި ފިލްމް ބެލުމަށް އެތައްބަޔަކު ކެތްމަދު ވެފައިވާ ކަމަށް އެމީހުން ބުނަމުންދެއެވެ.

ދީޕިކާ އެންމެ ފަހުން ކުޅެފައިވަނީސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކޮށް ޑައިިރެކްޓް ކޮށްފައިވާ ފިލްމް “ޕަދްމާވަތް” އެވެ.