English Edition
Dhivehi Edition

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާގެ އޮފީހަށް އިސްރާއީލުން ބޮން އަޅައި ހަލާކުކޮށްލައިފިއެވެ.

އިސްމާއިލް ހަނިއްޔާގެ އޮފީހަށް ބޮން އެޅިކަން އިސްރާއީލު އަސްކަރިއްޔާއިންވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، މިކަމާ ބެހޭގޮތުން ހަމާސްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ފަހަތުގައި ހުރެގެން ދެމުންދާ މި ހަމަލާތަކާއި ގުޅިގެން މިހާތަނަށް ގިނަ ޢަދަދެއްގެ ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާއިރު، މި ހަމަލާތައް ޣައްޒާއަށް ދެމުން ދަނީ ސީދާ އޭނާގެ އިރުޝާދުގެ މަތިން ކަމަށް ވެއެވެ. އިއްޔެ އިރު އޮއްސެމުންދިޔަ ވަގުތު އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ އެމެރިކާއަށް ނަތަންޔާހޫ ކުރާ ދަތުރެއް ކުރުކޮށްލުމަށްފަހު އޭނާ އިސްރާއީލަށް ދިޔަ ފަހުންނެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ބޮން އަޅަންފެށުމާއެކު އިސްމާއިލް ހަނިއްޔާވަނީ އިސްރާއީލަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. ހަނިއްޔާ ވިދާޅުވީ “އިސްރާއީލުން ރަތްރޮނގު ހުރަސްކުރާ ހިސާބުން ރައްދުދެއްވާނެ” ކަމަށެވެ. އިސްރާއީލާ ކުރިމަތި ލާނީ ގުޅިފައިވާ ބާރެއްގެގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ހަނިއްޔާގެ އޮފީހަށް ހަމަލާ ދިނުމުގެ އިތުރުން، ޣައްޒާގެ ވެރިރަށް ގާޒާ ސިޓީގައި ހުންނަ ޣައްޒާގެ އާންމު ސަލާމަތާބެހޭ ހުރިހާ އޮފީސްތަކަށްވެސް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެއެވެ.

ޣައްޒާގެ މަސްދަރުތަކުން ބުނަމުންދަނީ، ހަމާސްގެ ތަމްރީނު ސެންޓަރު ތަކަށާއި، ސަލާމަތީ ޕޯސްޓްތަކަށްވެސް އިސްރާއީލުން ބޮން އަޅަމުންދާ ކަމަށެވެ. އަދި އާންމު އެތައް އިމާރާތަކަށްވެސް ބޮންއަޅައި ގޮއްވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، އިރުމަތީ ޣައްޒާގެ ސަރަހައްދުތަކަށް ދެވުނު ހަމަލާތަކުގައި ޒަޚަމްވެގެން މިހާތަނަށް އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް އަސްކަރީ ހަމަލާތައް ދޭން ފެށުމާ ގުޅިގެން ޣައްޒާގައި ހުރި ހުރިހާ ހޮސްޕިޓަލްތައް މިހާރު ވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ. އަދި އާންމުންވެސް ރައްކާތެރިވެ ތިބުމަށް ކަމާބެހޭ އިދާރާތަކުންވަނީ އަންގާފައެވެ. ހަމަލާތަކާ ގުޅިގެން އަންގާރަ ދުވަހު ހުރިހާ ސްކޫލްތައްވެސް ބަންދުވާނެ ކަމަށް ވަނީ އަންގާފައެވެ.