English Edition
Dhivehi Edition

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާޢީލުގެ މި ޢަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުންވަނީ ބަޔާނެއް ނެރުއްވާފައެވެ. އެބަޔާނުގައި، އިސްރާއީލު ސިފައިންގެ އެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހާއި، ޢާންމު މަޖިލީހުގެ ކަމާބެހޭ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފް ޢަމަލުތަކެއްކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށްވެސް ހީނަރުކަން އަންނަކަން ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުން ދޭނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ “ޓޫ ސްޓޭޓް ސޮލިއުޝަން” ނުވަތަ ފަލަސްޠީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވިގެންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިކަމަށް ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެންކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވައިގެ މަގުން ދިން ޙަމާލާތަކެއްގައި ފަލަސްތީނުގެ ކުށެއްނެތް 31 މީހުން ޝަހީދުކޮށްލާ، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. އަދި މީހުން ދިރިއުޅޭ އެތައް އިމާރާތްތައް ހަލާކުކޮށްލާފައިވާއިރު އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ ޙަމަލާ ދީ، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި ގެދޮރަށް ބޮން އަޅަމުންނެވެ.