English Edition
Dhivehi Edition
އޯއައިސީގެ ބައްދަލުވުމުގައި ސަފީރު ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ އަލް އަޤްސާ މިސްކިތުގައި އަޅުކަން ކުރަމުންދާ މީހުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އޮގަނައިޒޭޝަން އޮފް އިސްލާމިކް ސްޓޭޓްސް (އޯއައިސީ) އިން ކުށްވެރި ކޮށްފިއެވެ.

ޙައްދު ފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް ދެމުންދާ އަނިޔާތައް އޯއައިސީން ކޮށްވެރިކޮށްފިއެވެ.

އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓައި މެންބަރު ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ދުނިޔޭގެ ސުލްހަޔަށް މަސައްކަތްކުރުމަށް ދުނިޔޭގެ އިސްލާމީ ޤައުމުތައް ބައިވެރިވެގެން އުފައްދާފައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ސްޓޭޓްސް (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ.

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުގެ ސިފައިން އަލް އަޤްސާ މިސްކިތަށް ވަދެ، އެތަނުގައި އަޅުކަންކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާއާއި، މާތްވެގެންވާ ރަމަޟާން މަހު އަޅުކަމުގައި ހޭދަކުރާ ފަރާތްތަކަށް އަނިޔާވެ، ޙުރުމަތްތެރިވެގެންވާ އަލް އަޤްސާ މިސްކިތަށް ގެއްލުންދިނުމާއި، އެ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ ޙަމަލާތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އޯއައިސީގެ މިކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މުހައްމަދު ޚަލީލް އެވެ.

އޯއައިސީގެ މެމްބަރު ގައުމުތަކުން ވަނީ އިސްރާއީލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށްދިނުމަށް އެދި އެ މައްސަލައާ ގުޅޭ ގަރާރެއް ވެސް ފާސްކޮށްފައެވެ.

ރާއްޖެއިން އަބަދުވެސް ގޮވާލަމުން ދަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅައި ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖެއިން ދެކެއެވެ.

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމުން މި ރަމަޟާން މަހާއި ދިމާކޮށް ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަށް ގެއްލުންދީ އެމީހުންގެ ނަޢަފް ސޫފި މަރަމުންނެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމު ރައްޔިތުން،ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރައާއި އަނިޔާތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅަކީ އިސްރާއީލް ސިފައިން ވެސް ފަލަސްތީނުގެ ނިކަމެތި އާއްމުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދީ އެތައް ބަޔަކު ޝަހީދު ކުރަމުންދާ ދުވަސްވަރެކެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހު އެކަނިވެސް އިސްރާއީލުން، ފަލަސްތީނުގެ ގައްޒާއަށް އަމާޒު ކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 140 އަށް ވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި 39 ކުޑަކުދިން ހިމެނޭއިރު، ޒަހަމްވީ މީހުންގެ އަދަދު، އެތައް ސަތޭކައަކަށް އަރައެވެ.