ކޯލިޝަނުގެ ތެރެއިން ވަކިބަޔަކު ވަކި ގޮތްތަކެއް ބޭނުންވެ އެކަން އެގޮތަށް ކުރުމަަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި ކޯލިޝަންގެ މަންޒަރުތައް މިހާރު ފެންނަނީ ރަނގަޅަކަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ގާސިމް އިބްރާހިމް މާމިގިލީގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގާސިމް ވިދާޅުވީ ކޯލިޝަނަކުން ސަރުކާރަކާއި ހަމައަށް އާދެވުނުއިރު މިހާރު އެ ކޯލިޝަންގެ މަންޒަރުތައް ފެންނަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ކޯލިޝަނުގެ ތެރެއިން ވަކިބަޔަކު ވަކި ގޮތްތަކެއް ބޭނުންވެ އެކަން އެގޮތަށް ކުރުމަަށް މަސައްކަތް ކުރަމުން ގެންދާކަން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް މަޖިލީހުގެ ގޮނޑިތަކާމެދު އަމަލު ކުރައްވަން ބޭނުންފުޅުވިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ މަޖުބޫރުން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
“ފެށުނީއްސުރެއް އަޅުގަނޑަކީ ތަފާތު ގޮތްގޮތުން އެކި ޒާތުގެ ފުރައްސާރައާއި މަލާމާތް ރައްދުވެފައިވާ މީހެއް. މީހުންނަށް ފައިސާދީ ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމުގެ ކިތަންމެ އަމަލެއް ހިންގި ކަމުގައި ވިޔަސް މިހާތަނަށްވެސް އަޅުގަނޑު އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާފައެއް ނުވާނެއަދި ކުރިޔަށް އޮތް ތަނުގައި ނުވެސްއަޅާނަން” ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމަށް އިޚްލާސްތެރިވެ ރައްޔިތުންނަށްޓަކައި ޚިދުމަތް ކޮށްދީފައިވަނީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފު ކަމަށެވެ. އެހެންވީމާ ރައްޔިތުންވެސް ހެޔޮ ވިސްނުމުގައި ރަނގަޅު ނިންމުންތައް ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.