ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ އެޖެންޑާ19 އަކީ އެމްޑީޕީން ރާއްޖެއަށް ކުރައްވާ އުއްމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ، ށ. ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެޖެންޑާ19 ގެ ތަސައްވުރަކީ މުޅި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ތައްޔާރުކުރެވިފައި އޮތް މެނިފެސްޓޯއެއް ކަމަށެވެ. އަދި މި މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތުކުރުމެއްނެތި ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވީ ވަރަށް ދަތި އުނދަގޫތަކާ އެކުގައި ކަމަށެވެ. އެކަން އެހެން އޮތް އިރުވެސް އެ އިންތިހާބުގައި ނިކުތީ އޭރު އޮތް ހާލަތު ބަދަލުކުރަން، އެ ހާލަތު ކަމު ނުދާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
މިވީ މުއްދަތުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ފުރިހަމަ ކޮށްދީފައިވާ ވައުދުތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ ކުޑަ އިންޓްރެސްޓްގައި ބޭރުގެ ގައުމުތަކުން ކިޔެވުމަށް މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް 240 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި އެޖެންޑާ19 އަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވަންޖެހޭ ސަބަބަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވެ ރައީސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ހަމައެކަނި ފައިސާއަށް އެކަނި ބޯނުލަނބާނެ މީހުންނެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވި މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ނުފޫޒަށް ވެސް ބޯނުލަނބާ އަދި ރައްޔިތުންގެ ފަރާތުން ވާހަކަދައްކާނެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާނެ ބޭފުޅުން ކަމަށެވެ.
ރައީސް ވަނީ މި ދާއިރާގެ ރަށްތަކަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަންކަން ވެގެން ދާނެ ކަމުގެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާފައެވެ. އެގޮތުން ރައީސް ވަނީ ފޯކައިދޫގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށާއި ރަށު މެދުގައި ހުރި އިންޖީނުގެ ބަދަލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދޭން، ސްކޫލްއަށް 10 ކްލާސްރޫމް އަދި ހޯލެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ މަރޮށީގައި ފެނޭ ނަރުދަމާގެ މަސައްކަތް ފެށޭނެ ކަމަށާއި ވަރަށް އަވަހަށް ފުޓްސަލް ދަނޑަށް ބޭނުންވާ ފައިސާ ކައުންސިލާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހިމަނުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.