މި ސިލްސިލާގައި މި ގެނެސްދެނީ މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ދިރިއުޅުމުގައި ދިމާވެފައި ހުންނަ ހަގީގީ ވާހަކަތަކެވެ. މިވާހަކަތައް ހިއްސާކުރުމުގެ ބޭނުމަކީ ތިމާއަށް ދިމާވި ހާލަތު ދިމާވެފައިވާ އެހެން އަންހެނުން އެވާހަކަތަކުން އިބްރަތް ހާސިލްކޮށް އަމިއްލަ ދިރިއުޅުމާމެދު ފުންކޮށް ވިސްނުމަށެވެ.
މި ސެގްމެންޓްގައި މިފަހަރު މި ގެނެސްދެނީ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. ދިރިއުޅުމުގައި ތަފާތު ގިނަ ފަހަރުތަކެއްގެ މަތިން މާޔޫސް ވެ ހަދާނެ ގޮތް ހުސްވެ ބިކަހާލުގައި ޖެހިފައިވީ ނަމަވެސް އެއިން ކޮންމެ ފަހަރަކު ހިތްވަރުއާލާކޮށް އަލުން ދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތް ކުރި އަންހެނެއްގެ ވާހަކައެވެ.
ތާނިޔާ (އަސްލު ނަމެއްނޫން) އަކީ ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަންހެނެކެވެ. ފުރާ އުމުރުގައި ކައިވެނިކޮށް އެންމެ 19 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބުނު ތާނިޔާ މިހާހިސާބަށް އައި އިރު ވަނީ 5 މީހުންނާ ކައިވެނިކޮށްފައެވެ. އުފާވެރި މުސްތަގުބަލެއް ހޯދުމުގެ އުއްމީދާއެކު ކުރި ކޮންމެ ކައިވެންޏެއް ނިމިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމައާއި ހިތްދަތި ކަމާއެކުގައެވެ.
އަންހެނަކު ގިނަ ކައިވެނިކޮށް އަދި ކުރާ ކޮންމެ ކައިވެންޏެއް ނާކާމިޔާބާއެކު ނިމިގެންދާނަމަ މުޖުތަމައުގައި އެމީހާއާއި މެދު މީހުން ދެކޭގޮތް ތަފާތެވެ. ދިރިއުޅުމުގައި އަންހެން މީހާ އުފުލަން ޖެހުނު ތަކުލީފާއި އެ ދިރިއުޅުމުން ސަލާމަތްވާން ޖެހުނު އަސްލު ސަބަބު ބަލާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އެ އަންހެނަކީ “އުޅެން ނޭނގޭ” މީހެއް ކަމުގެ ލޭބަލް އަޅުވާލަނީ ހަމަ އެއްވެސް ބެލުމެއް ނެތިއެވެ.
ތާނިޔާ އޭނާގެ ފުރަތަމަ ކައިވެނި ކުރީ އުމުރުން 19 އަހަރުގައެވެ. ލޯބިން ކުރެވުނު މި ކައިވެނީގެ ފުރަތަމަ ކޮޅު ކިތަންމެހައިވެސް އުފާވެރިއެވެ. މާމުއި ހަނދުގެ ދުވަސްތައް ފޮންޏެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ އުފާ ވަޔަށް ބުރައިގެން ދިޔައީ ތާނިޔާ ދެކެ ފިރިމީހާ “މާ ބޮޑަށް” ލޯބިވާން ފެށި ހިސާބުންނެވެ.
“އަހަންނަކީ ވަރަށް ބުރަކޮށް އުޅޭ މީހެއް. އޭރު ދިޔައީ ޓީޗިން ކޯސް ހަދަމުން. ސްކޫލުގައި ވެސް އެދުވަސްވަރު ޓީޕީއަށް ކިޔަވައިދޭން ދާން ޖެހޭ. މާލޭގައި ދެމީހުން އެކީގައި އުޅެމުން ދިޔަ އިރު ފިރިމީހާ އެއްވެސް ވަޒީފާއެއް އޭރު އަދައެއް ނުކުރޭ. އަބަދު ގޭގައި އޮންނަނީ. އަހަރެން ޖެހެނީ ސްކޫލުން ނިމިގެންވެސް އަދި ކޮލެޖުން ނިމިގެން އަވަހަށް ގެއަށް އަންނަން. އަހަންނަކީ ވަރަށް ސޯޝަލް މީހެއް. ކުލާހުގައި ވެސް ކުރާ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅެމުން ދިޔައީ އަހަރެން. އެކަމަކު ކައިވެނި ވީ ހިސާބުން ފެށިގެން އެކަންތައް ހުއްޓުމަކަށް އައީ. ފިރިމީހާއަށް އެނގޭނެ އަހަރެންގެ ކުލާސް ނިމޭ ގަޑި. އެންމެ މިނިޓެއް ލަހުން ގެއަށް އާދެވުނަސް މައްސަލަ ޖައްސާ. ފަހުން ގޮސް ފާޑެއްގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނީ” ތާނިޔާގެ ފުރަތަމަ ކައިވެނީގައި މައްސަލަ ދިމާވި ގޮތް އޭނާ ކިޔައިދިނެވެ.
“އަހަރެން މާ ބޮޑަށް ބިޒީ ވެއްޖެއްޔާ ވަރަށް ކަންތައް ބޮޑު ކޮށްލާން. ބަލިވެގެން ފެއިންޓްވެގެން ހޮސްޕިޓަލަށް ދާން ޖެހޭނެ. ވަރަށް ކަންތައް ބޮޑުކޮށްލާނެ. ރަހުމަތްތެރިއަކާ އެކީ ބޭރަށް ވެސް ދެވެން ނޯވޭ. އިމްތިހާނަށް ތައްޔާރުވާން ގުރޫޕް ސްޓަޑީ ހަދަން ވެސް ނުދެވޭ. އަބަދު އޭނަ ކައިރީގައި ހުންނަން ޖެހެނީ” ތާނިޔާ ކިޔައިދިނެވެ.
މި ބިރުވެރިކަމާއި ހާސްކަމުގައި އުޅެމުން ދަނިކޮށް ތާނިޔާ ބަލިވެއިނެވެ. ފިރިމީހާ ހެވެވެ. އަޅާލައެވެ. މައްސަލައަކީ އޭނާ ފިޔަވައި އެހެން އެއްވެސް މީހަކާ ގުޅުން އޮތުމެވެ. އާއިލީ މީހަކާވެސް އަދި ރައްޓެއްސަކާވެސް ގުޅުމެއް އޮވެގެން ނުވެއެވެ.
“އެއީ އަހަންނަށް ވަރަށް އުނދަގޫވި ކަމެއް. އެކުވެރިއަކަށް ފޯނުކޮށްލިއަސް އެއީ މައްސަލައެއް. ފަހުން ފަހުން އައިސް އަހަރެން ފާޑަކަށް ޑިޕްރެޝަނަށް ދާން ފެށީ. އެހާ ހިސާބުން ހިތަށް އެރީ މުޅި ދިރިއުޅުން މި ހާސްކަމުގައި އިންނަން ނުޖެހޭނެ ކަމަށް. ދަރިފުޅަށްޓަކައޭ ކިޔާފައި މި ހާސްކަމާއެކު ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް. ފުރަތަމަ ކައިވެނި ރޫޅުނު ސަބަބަކީ އެއީ” ތާނިޔާ ކިޔައިދިނެވެ.
އެހާ ހިސާބުން އަމިއްލަ ދިރިއުޅުން ތާނިޔާ ކުރިއަށް ގެންދިޔައީ ސްކޫލްގެ ވަޒީފާ އަދާކުރަމުން ލިބޭ މުސާރައިންނެވެ. ބައެއްފަހަރު ދަރިފުޅުގެ ބައްޕަގެ އަތުން އެއްޗެއް ލިބުނަސް ގިނަފަހަރު އެވެސް ނުލިބެއެވެ. ނަމަވެސް ތާނިޔާ ޝަކުވާއެއް ނުކުރެއެވެ. ހިތްހަމަޖެހިގެން ދަރިފުޅާއެކު ދިރިއުޅެމުން ދިޔައީއެވެ.
“ދެވަނަ ކައިވެންޏަކީ އާއިލާއިން ކުރުވި ކައިވެންޏެވެ. އަހަރެންވެސް ނުގަބޫލެއް ނޫން. އެކަނިމާއެކަނި ދިރިއުޅެމުން ދިޔައިރު އެހީވާނެ ރަނގަޅު މީހަކު ލިބުމަށް ހުރީ ބޭނުންވެގެން. އެންމެންވެސް ބުނީ އެއީ ރަނގަޅު މީހެކޭ” ތާނިޔާގެ ދެވަނަ ކައިވެނި ފެށިގެންއައި ގޮތް އޭނާކިޔައިދިނެވެ.
އުއްމީދުތަކަކާއެކު ތާނިޔާ އޭނާގެ ދެވަނަ ކައިވެނިކުރި ނަމަވެސް އެ ކައިވެނި ވެގެން ދިޔައީ އަލުން ކަރަށް މަހާލެވުނު އިތުރު މަޅިއަކަށެވެ. އޭނާ ތަޖުރިބާ ކުރަން ޖެހުނީ ކުރީގެ ދިރިއުޅުމުން ތަޖުރިބާކޮށްފައި ނެތް ހިތްދަތިކަމެވެ. ފިރިމީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން ތާނިޔާއަށް އެނގުނު އިރު އޭނާ އިނީ 2 ވަނަ ދަރިއަކަށް ބަލިވެއެވެ.
“އެއީ ވަރަށް ރުޅިގަދަ މީހެއް. ރުޅި އަންނަ ވަގުތުތަކުގައި އަނިޔާކޮށްވެސް ހަދާ. ހިތަށް އެރި އެއްޗެއް ހިތަށް އެރި ގޮތަކަށް ކިޔާލާ. އޭނައާއި އެކީ ދިރިއުޅުން ވެގެން ދިޔައީ ދިރިހުރެ ނަރަކައަށް ދިއުން ފަދަ ކަމެއްގެ ގޮތުގައި. އެކަމަކު އަހަރެން ހިތްވަރު ކުރިން. އޭރު ދެވަނަ ދަރިފުޅު ލިބިއްޖެ. އޭރު ހިތަށް އެރީ ކޮންމެ މީހަކާ އިނދެފައި ވަރިވުމުން މީހުން ކިޔާނެ އެއްޗަކަށް. ވަރަށް ކަންބޮޑުވި. ހަދާނެ ގޮތް ހުސްވި” ތާނިޔާ ބުންޏެވެ.
ދެވަނަ ފިރިމީހާ އާއެކު ދަރިފުޅަށް 5 އަހަރުވަންދެން ހިތްދަތި ދިރިއުޅުމެއް ވޭތުކުރުމަށް ފަހު ކަށީގައި ނެތް ހިތްވަރު ނެރެގެން އޭނާ އެދިރިއުޅުމުން ސަލާމަތްވާން އަޒުމު ކަނޑައެޅިއެވެ. އަމިއްލަ ނަފުސު އަނިޔާވެރިކަމަށް ހުށަހެޅިގެން މީހެއްގެ ދަށުވެގެން އިންނަން ތާނިޔާ ބޭނުމެއް ނުވިއެވެ. އެހާ ހިސާބުން އޭނާގެ ދެވަނަ ކައިވެނިވެސް ނިމިގެން ދިޔައީއެވެ.
“އޭރުވެސް މީހުން ކިޔާ އަހަންނަށް މީހަކާ އެކީ ނޫޅެވުނު ނޫންހެއްޔޭ. އެމީހުންނަކަށް ނޭނގޭ އަހަރެން އެ ދުވަސްތަކުގައި ތަހައްމަލުކުރި ވޭނެއް. އަހަރެން ކަރުނައެޅި ވަރެއް. ހިތާމަކުރި މިންވަރެއް. ދޫ އޮތީމާ ކޮންމެ މީހަކުވެސް ވާހަކަ ދައްކަނީ. އެވާހަކަތަކަށް އަހަރެން ދިނީ ބީރު ކަންފަތް. ހިތަށް އެރީ ދެންވެސް ރަނގަޅު މީހަކާ ދިމާވެއްޖެއްޔާ ކައިވެނި ކުރާނަމޭ. ތަގުދީރުގައި ވާން ހުރި ކަމެއް ވާނެއޭ. ހިތްވަރު ބަލިކޮށް މާޔޫސް ނުވާނަމޭ” ތާނިޔާގެ އަޒުމް ވަރުގަދައެވެ.
ތާނިޔާގެ 3 ވަނަ ކައިވެންޏަކީ އަމިއްލަ ރަށުގައި ދިރިއުޅެމުން ދިޔަ ރަށު މީހަކާ ކުރި ކައިވެންޏެކެވެ. ތާނިޔާއަށް ވުރެ އުމުރުން ބޮޑުތަނުން ދޮށީ މީހެއް ނަމަވެސް އޭނާ ތާނިޔާއަށް ވެސް އަދި ދެކުދިންނަށް ވެސް ހެވެވެ. އޭނާއަކީ ކުރިން ކައިވެންޏެއްކޮށް ބޮޑެތި ދަރިން ލިބިފައި ހުރި މީހެކެވެ.
އަލުން އާ ހިތްވަރާއެކު ތާނިޔާ އޭނާގެ 3 ވަނަ ކައިވެނި ކުރިއެވެ. ކުރީ ފަހަރުތަކުގައި ވީ ގޮތަށް ނުވުން އެދި ދުއާކުރަމުންނެވެ.
“އެއީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ބެލެވުނީ. އަހަރެން ކުރާ އެއްވެސް ކަމަކާ އޭނާ ނުބެހޭނެ. އަމިއްލަ މަސައްކަތުގައި މުޅިން ވެސް އުޅޭނީ. އަހަރެން ސްކޫލްގައި އުޅެމުން އަދި ޓިއުޝަންނަގައިދީ ކުދިންގެ ކަންތައްތަކުގައި އުޅެނީ. ވަރަށް ހަމަޖެހިގެން އުފަލުގައި 6 މަސް ވަން ދެން އުޅެވުނު”
3 ވަނަ ކައިވެނީގައި އުފަލުން ތާނިޔާއަށް އުޅެވުނީ އެންމެ 6 މަސް ދުވަހަށެވެ. އެހާ ހިސާބުން އެދިރިއުޅުމުގައި ސިއްކަ ޖަހަން ތާނިޔާ ނިންމީ ހަމަ ކުއްލިއަކަށެވެ. ދިމާވި ހީވެސް ނުކުރާފަދަ ހާދިސާއެއްގެ ސަބަބުންނެވެ.
“އަހަރެންގެ ފިރިމީހާ ގެ ގޯސް އުޅުން އަހަންނަށް ފަޅާއެރީ. މުޖުތަމައުގައި އާންމުކޮށް ހިނގާ ފާހިޝް ކަންތައްތަކުގެ މަޅީގައި ޖެހިފައިވާ އެކަހަލަ މީހެއްކަން އެކަން އެނގުމާއެކު ވަގުތުން އޭނައާ ގުޅުން ކަނޑާލައި ވަރިވާން ނިންމީ. މީހުން ކޮންމެ އެއްޗެކޭ ބުންޏަސް ހެޔޮ ކަމަށް. އަހަންނަށް މުހިއްމުވާނީ އަހަރެންގެ ދަރިން. އަހަރެންގެ އުފަލަށްޓަކައި އެދަރިންގެ މުސްތަގުބަލް ހަލާކުގެ ތެރެއަށް ވައްޓާލާކަށް އަހަރެން ބޭނުމެއް ނުވި” ތާނިޔާގް 3 ވަނަ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ އެއީއެވެ.
އެހާ ހިސާބުން ކޮންމެ މީހަކުވެސް ކުއްވެރިކުރަމުން ގެންދިޔައީ ތާނިޔާއެވެ. އެއްވެސް މީހަކާއެކު ތާނިޔާއަށް އުޅެވެން ނެތްކަމަށް ބުނެ އޭނާއާއި ދިމާއަށް ޖެއްސުމުގެ ބަސްތައް އައެވެ.
“ވަރަށް ދެރަވާ ފަހަރު އައި. ކޮންމެ ފަހަރަކު ހިތްވަރު ހޯދަނީ ހެއްދެވި ފަރާތުން. މީހުންގެ ކުރިމަތީގައި ހިނިތުންވެލައިގެން އުފަލުން އުޅުނު ނަމަވެސް އެކަނިވާފަހަރުތަކުގައި ހިތްދަތިވެގެން ގޮސް ރޮވޭ. އަދި ގިނަ ކައިވެނިތަކެއް ކޮށް ވަރިވެފައި ހުރުމުން ބައެއް ފިރިހެނުން ދެކެނީ އަހަންނަކީ އެމީހުން ބޭނުން ގޮތަކަށް ކުޅެވިދާނެ މީހެއްކަމަށް. ވަރަށް ގިނަ މީހުންގެ އުނދަގުލާ ކުރިމަތިލާން ޖެހުނު. އެކަމަކު ކެރިގެން އެކަންތަކުން ސަލާމަތްވީ” ތާނިޔާ ކިޔައިދިނެވެ.
އެހާ ހިސާބުން މާހައުލު ބަދަލުކޮށް ދެކުދިން ގޮވައިގެން ތާނިޔާ މާލެ ބަދަލުވިއެވެ. ދިރިއުޅުމުގައި ދިމާވި ހިތްދަތި ސަފްހާތައް ހަނދާންނައްތާލައި އަލުން އާފެށުމަކުން ފެށުމަށެވެ. ނަމަވެސް ކޮންމެ މީހަކު އޭނާއަށް ހަނދާންކޮށް ދެމުން ދިޔައީ ފިރިއަކާ ނުލައި ނޫޅެވޭނެ ކަމަށާއި އަލުން އަނެއްކާވެސް ދިރިއުޅުމެއް ފެށުމަށެވެ. މާޒީގައި ކަންތައްތައް ވެފައި އޮތްގޮތުން އެކަމަށް ފަސް ޖެހެވުނު ނަމަވެސް ތާނިޔާ އަނެއްކާވެސް ކައިވެންޏަކަށް ތައްޔާރުވިއެވެ. ދަރިންދެކެ ލޯބިވާނެ އަދި ތާނިޔާއަށް އަޅާލާނެ ކަމަށް ބުނެ ވައުދުވީ މީހަކާއެވެ.
“އެ ކައިވެންޏަކީ ވެސް ކާމިޔާބު ކައިވެންޏެއް ނޫން. އަހަންނަށް ގަބޫލު ކުރެވުނީ އޭނާ އަހަންނާ ކައިވެނި ކުރީ އުޅެން ފަސޭހައަކަށް ކަމަށް. އޭނައަށް ޚަރަދުކޮށް އޭނާ ބަލަހައްޓަން ޖެހުނީ އަހަންނަށް. އިތުރު ޒިންމާއެއް އަހަރެންގެ ބޮލުގައި އެޅުނީ. ވަޒީފާ އަދާކުރިއަސް އޭނައަށް ލިބޭ އެއްވެސް އެއްޗެއް އަހަންނަކަށް ނުވެސް ފެނޭ. ބަލިވިޔަސް އަހަންނަކާ އަޅައެއް ނުލާ. އޭނައަށް ލިބޭ ހުރިހާ އެއްޗެއް ޚަރަދުކުރަމުން ދިޔައީ ކުރީގެ ކައިވެންޏަކުން ލިބިފައި ތިބި ކުދިންނަށް” ތާނިޔާ ބުންޏެވެ.
4 ވަނަ ކައިވެންޏަށް ވުމާއެކު ތާނިޔާ ގަސްދުކޮށްގެން އިނީ ކޮންމެ ހާލެއްގައި ވިޔަސް އެ ދިރިއުޅުމުގައި ކުރިއަށް ދިއުމަށެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ދޮންދަރިން ގެއަށް އައިސް ތާނިޔާއާއި ދެކުދިންނާ ދިމާއަށް އެއްޗެތި ގޮވައި ގޭގައި ހަނގުރާމަ އިއުލާން ކުރި ހިސާބުން އެ ދިރިއުޅުމުން ވެސް އަތް ދޮވެލަން ތާނިޔާ ނިންމިއެވެ. ތާނިޔާއަށް ލިބޭ އެއްޗަކުން އެމީހުންނަށް ޚަރަދުކޮށް އެމީހުން ބަލަހައްޓަން ޖެހޭ ކަމަކަށް ތާނިޔާ ގަބޫލެއް ނުކުރިއެވެ.
“އަހަންނަކީ ވަޒީފާއެއްގައި އުޅޭމީހެއް. އަހަންނާއި އަހަރެންގެ ދެދަރިން ބެލޭވަރަށް އަހަރެން އާމްދަނީ ހޯދަން. ވީއިރު މިނިވަންކަން ގެއްލި ބަޔެއްގެ އަޅުވެތި ކަމުގައި އަހަރެންގެ ދަރިން ބެއިތިއްބުމަކަށް އަހަރެން ބޭނުމެއް ނުވި” އުއްމީދާއެކު ކުރި 4 ވަނަ ކައިވެނިވެސް ނިމިގެން ދިޔައީއެވެ.
“އޭރު ހުރީ ފިރިހެނުން މަތިން ފޫހިވެފައި. ދިރިއުޅުން މަތިން ވެސް ހަމަ އެއްކޮށް ފޫހިވެފައި ހުރީ. އެކަމަކު އަދިވެސް ހިތްވަރު ކުރާނަމޭ ހިތުގައި އޮތީ. ކޮންމެވެސް ދުވަހަކުން އަހަންނަށް ވެސް އުފާވެރި ދިރިއުޅުމެއްގައި އުޅެވޭނެ ކަމަށް އުއްމީދު ކުރަމުން ދިޔައީ. އިނދަޖެހޭ ކޮންމެ ފަހަރަކު ހިރަފުސް ފޮޅަމުން އެއަށްވުރެ ބާރަށް ތެދުވަނީ އެ އަޒުމުގައި” ތާނިޔާގެ ހިތްވަރު ގަދައެވެ.
4 ކައިވެނިން ލިބުނު ހިތްދަތި ފިލާވަޅާއެކު ތާނިޔާ އަލުން އެނބުރި އަމިއްލަ ރަށަށް ދިޔައެވެ.
“އެންމެން ވެސް ކުއްވެރިކުރަނީ އަހަރެން. އަހަރެން ވެސް ބޭނުން ލޯބިވާ ފިރިއެއް. އުފަލުގައި ދިރިއުޅެން. ގެއެއް ބިނާކޮށް އުފާވެރި ކޮށް ދިރިއުޅެން. އެކަމަކު ތަގުދީރުގައި އެހެން ލިޔެވިފައި ނެތީމާ އަހަރެން ކުރާނީ ކީއް؟” ތާނިޔާ ބުންޏެވެ.
2016 ވަނަ ދުވަހު އަންހެނުންގެ ދުވަހުގައި ތާނިޔާ އޭނާގެ 5 ވަނަ ކައިވެނި ކުރިއެވެ. ހިތްހެޔޮ މީހަކާ ދިމާވުމުންނެވެ. ތާނިޔާގެ ދިރިއުޅުމުގެ ހުރިހާ ސަފްހާތަކެއް އެނގިހުރެ ތާނިޔާ އާއި އިންނަން ގަބޫލުވުމުންނެވެ.
“އަހަރެން ބިރުގަނެ ފަސް ޖެހެން ބޭނުންނުވީ. ކޮންމެފަހަރަކު އެއްގޮތަކަށް ކަންތައް ވެދާނެ ކަމަކަށް ވިސްނައިގެން ނުވާނެ. ކެރިގެން ކުރިމަތިލާންވީ. އަންހެނުންނަކީ ފިނޑި ބައެއް ނޫން. ދިރިއުޅުމުގައި ފިނޑިވާކަށް ނުޖެހޭ. ” 5 ވަނަ ކައިވެންޏާއެކު ދިރިއުޅުން ހަމައަކަށް އެޅި އުފަލުގައި ވޭތި ކުރަމުންދާ ތާނިޔާ ބުންޏެވެ.
ތާނިޔާގެ ދިރިއުޅުން އުފާވެރިކަމާއެކު ކުރިއަށް ދިއުމަށް އެދި ދުއާ ކުރަމެވެ. ދިރިއުޅުމުގައި މާޔޫސްވެ އުއްމީދު ގެއްލިފައިވާ އަންހެނުންނަށް ތާނިޔާގެ ހަޔާތަކީ ފިލާވަޅެކެވެ.