English Edition
Dhivehi Edition
ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުވި ބައިވެރިން ޝަރަފްވެރި މެހްމާން އާއި އެކު

އައްޑޫގައި ހިންގި ނޫސްވެރިން ތަމްރީން ކުރުމުގެ ބޭސިކް ލެވެލްގެ ކޯސް ފުރިހަމަކޮށް 22 ޒުވާނުން ނޫސްވެރިންގެ ގޮތުގައި ތަމްރީނުވެއްޖެއެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުހުރި ދެޖިންސުގެ ޒުވާނުންނަށް ހުޅުވާލައިގެން އޭއޯނިއުސް އިން އައްޑޫގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުގައި 26 ފަރާތަކުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވަނީ 22 ފަރާތަކުންނެވެ.

އީކުއޭޓަރ ވިލެޖްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވެވީ ހައިކޯމެކްސް ގެ މެނޭޖިންގ ޑީރެކްޓަރ އިބްރާޙިމް ނާޒިލެވެ. މި ކޯސް ސްޕޮންސަރ ކޮށް ދެއްވަވާފައިވަނީ ވެސް ނާޒިލެވެ.

ކޯސް ނިންމި ބައިވެރިންގެ ތެރެއިން 10 ބައިވެރިއަކަށް އޭއޯ ނިއުސްގައި ޓްރެއިނީސް ގެ ގޮތުގައި މަސައްކަތް ކުރާނެ ފުރުސަތު ދީފައިވެއެވެ. އަދި 3 މަސް ދުވަހުގެ މަސައްކަތަށް ފަހު އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭ 2 ބައިވެރިއަކަށް ރާއްޖެއިން ބޭރުން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ވެސް ހޯދައިދޭ ގޮތަށް އޭއޯ ނިއުސް އިން ވަނީ ނިންމާފައެވެ.

ތަފާތު އެކި ފަހަރު މަތިން ނޫސްވެރިން ތަމްރީން ކުރުމުގެ ކުރު ކޯސްތަކެއް އޭއޯ ނިއުސް އިން ވަނީ އައްޑޫގައި ކުރިއަށް ގެންގޮސްފައެވެ. މި ކޯސްތަކުގެ މަގްސަދަކީ އައްޑޫގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.

މާޗް 12 އިން 21 މާރޗް ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދެއްވާފައިވަނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

އައްޑޫގައި ނޫސްވެރިކަން ކުރިއެރުވުމަށް އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ޕްރޮގްރާމު ތަކުގެ ތެރެއިން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ ސްކޫލް މީޑިއާ ޕްރޮގްރާމަކީ ވެސް ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. ސްކޫލް ދަރިވަރުންގެ ތެރެއިން ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްގައި އެފުރުސަތު ހޯދައިދިނުމަށް އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ހަކަރާތަކީ ސްކޫލްތަކުގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދާ ޕްރޮގްރާމެކެވެ. އޭއޯ ނިއުސް އިން ވަނީ ނިމިގެން ދިޔަ ސްކޫލުގެ ސެމިސްޓަރ ބަންދާ ދިމާކޮށް 2 ދުވަހުގެ ސްކޫލް މީޑިއާ ކޭމްޕެއްވެސް ހިންގާފައެވެ. މި ކޭމްޕްގައި އައްޑޫގެ 8 ސްކޫލަކުން ދަރިވަރުންނާއި މުދައްރިސުން ހިމެނޭގޮތަށް 60 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އޭއޯ ނިއުސް އިން ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހާއި ސްކޫލް މީޑިއާ ޕްރޮގްރާމު ވެސް ކުރިއަށް ގެންގޮސްފައިވަނީ އީކުއޭޓަރ ވިލެޖްގެ ބްލޫ ލޭގޫން އިމާރާތުގައެވެ. އީކުއޭޓަރ ވިލެޖުން އިޖުތިމާއީ މިފަދަ ކަންކަމަށް ދޭ އެއްބާރުލުން އައްޑޫގެ ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.