English Edition
Dhivehi Edition
ނޫސްވެރިން ތަމްރީނު ކުރާ ކޯހުގެ ދަރިވަރުންގެ އަމަލީ ތަޖުރިބާ މަސައްކަތުގެ ތެރެއިން: ފޮޓޯ މާނިއު/ ގެމަނަފުށި

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ގއ.އަތޮޅު ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން ގއ. ގެމަނަފުށި އަދި ވިލިގިނލީގައި 47 ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީން ކުރަން ފަށައިފިއެވެ.

ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބޭސިކް ލެވެލް ގެ މި ޕްރޮގްރާމުގައި ގެމަނަފުށިން 25 ޒުވާނަކު ބައިވެރިވެފައިވާއިރު ވިލިގިނލިން 22 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ ގއ.އަތޮޅުގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.

އެގޮތުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށް ދެވޭނެއެވެ.

އޭއޯ ނިއުސް އިން މީގެ ކުރިންވެސް އައްޑޫ, ފުވައްމުލައް އަދި ގދ ތިނަދޫގައި މިފަދަ ތަފާތު ޕްރޮގްރާމުތައް ހިންގައި ޒުވާނުން ތަމްރީންކޮށް މި ދާއިރާއަށް ޒުވާނުން ނެރެދީފައިވާއިރު މިއީ ސްކީމް އާއި ގުޅިގެން އޭއޯ އިން ކުރިއަށް ގެންދާ 4 ވަނަ ތަމްރީނު ޕްރޮގްރާމެވެ.

މީގެ އިތުރުން މި ޕްރޮގްރާމު ފާހަގަ ކޮށްލެވެނީ މިއީ ގއ. އަތޮޅުގެ ޒުވާނުންނަށް އަމިއްލަ އަތޮޅުގައި ތިބެގެން ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނު ވުމަށް ފުރުސަތު ލިބިގެން އެ އަތޮޅުގައި ކުރިއަށް ގެންދާ ފުރަތަމަ ޖާނަލިޒަމް ކޯހަށް ވުމެވެ.

މި ކޯސް މި އަތޮޅުގައި ކުރިއަށް ގެންދަނީ ގއ. އަތޮޅު ކައުންސިލާއި ވިލިގިނލީ ކައުންސިލް އަދި ގެމަނަފުށީ ކައުންސިލުގެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކުގައެވެ.