English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ހިމާޔަތް ކުރުމަށް ބިލެއް ހަދައި ކޮމެޓީއެއް އެކުލަވާލަން ސަރުކާރުން ނިންމަވައިފިއެވެ. އެގޮތުން ހެރިޓޭޖް މިނިސްޓްރީން މިވަނީ “ސަގާފީ ތަރިކައިގެ ބިލް” ގެ ނަމުގައި ބިލެއް އެކުލަވާލައި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފަ އެވެ. މި ބިލްގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކަތަކުގެ ތެރޭގައި ހިމެނޭ ތަންތަނަށް ގެއްލުންދޭނަމަ ބޮޑު އަދަބުތައް ލިބޭނެއެވެ.

ހެރިޓޭޖް މިނިސްޓްރީން އެކުލަވާލި ޑްރާފްޓް ބިލްގައި ވާގޮތުން ރާއްޖޭގެ ސަގާފި ތަރިކައަށް ގެއްލުމެއް ދީ ފިނަމަ، އެގެއްްލުން ދިން ތަރިކައެއްގެ ސިފަ އާއި އަގަށް ބަލައި 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ އެއް ކުރެވޭނެ އެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އަންނާނެ އެވެ.

އެގޮތުން މިއަދު ހެރިޓޭޖް އިން އާއްމުކުރި ޑްރާފްޓް ބިލްގައި ވާގޮތުން ތަރިކައަށް ގެއްލުމެއް ދީފިނަމަ އެމައްސަލަ ބަލާނީ ކަލްޗްރަލް ހެރިޓޭޖު ޕްރޮޓެކްޝަން އެޖެންސީ އިންނެވެ. މިއެޖެންސީ އަކީ ރައީސް އައްޔަން ކުރާ ހަތް މެމްބަރެއްގެ މައްޗަށް އެކުލެވިގެންވާ ބޯޑެއް ކަމަށް ވެސް ޑްރާފްޓްގައިވެ އެވެ. ޑްރާފްޓް ބިލަށް އަމަލުކުރަން ފަށާތާ އެއް މަސް ތެރޭ އެޖެންސީ އުފައްދާ މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް އެޑްރާފްޓް ބިލްގައި ވަނީ ބުނެފަ އެވެ.

އާސާރީ ތަންތަން ހިމާޔަތް ކުރަން ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ހެރިޓޭޖް މިނިސްޓްރީގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.