English Edition
Dhivehi Edition
ފޮޓޯ: އިލެކްޝަންސް ކޮމިޝަން ޓްވިޓަރ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހޯދަން ބޭނުންވާ 5،559 ޖާގައަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އޮފިޝަލަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އޮފިޝަލަކަށް ވުމަށް ކުރިމަތިލެވޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އިސް މަގާމެއް އަދާނުކުރާ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވާނަމަ އަދި އެއްވެސް ކެނޑިޑޭޓަކާ އާއިލީ ގާތްކަމެއް އޮންނަ އެފަދަ މީހަކަށް އޮފިޝަލަކަށް ނުވެވޭނޭ އެވެ.

ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް އިނާޔަތްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 1،200 ރުފިޔާ، ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 600 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.