ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގާ ފުރަތަމަ ޕްރޮޖެކްޓް ރާއްޖޭގެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފައްޓަވަން ސަރުކާރުން ނިންމަވައިފިއެވެ. އެގޮތުން ސަރުކާރުން މިހާރު މިވަނީ އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމުގެ ފެސިލިޓީއެއް ގާއިމު ކުރަން ކޮރެއާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އައްޑޫ ހިތަދޫގައި ގާއިމުކޮށްފައިވާ ނޭޗާ ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި ދެކުނުގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ގާއިމު ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ލޮޓަސް/ކުންވާ ޖޮއިންޓް ވެންޗާއާ އެވެ. އެއްބަސްވުމުގައި އެންވަޔަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ލޮޓަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ލިންޑޮން ޔިލް އެވެ.
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވެސް ބައިވެރިވަޑައިގެންނެ މި ރަސްމިއްޔާތުގައި މިނިސްޓަރު ހުސައިން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އައްޑު އާއި ފުވައްމުލަކަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ. އަދި ކުނިން މަންފާ ހޯދައި މި ޕްރޮޖެކްޓުން އެކަން ސާބިތުކޮށް ދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.