English Edition
Dhivehi Edition

އައްޑޫ ނޭޗަރ ޕާކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ލަވައެއް މިއަދު ނެރެފިއެވެ.

ނޭޗަރ ޕާކުގެ ފޭސް ބުކްގައި އަޕްލޯޑް ކޮށްފައިވާ މި ލަވަ ކުޅެފައިވަނީ 3 ވަނަ މޯލްޑިވިއަން އައިޑަލް އައިޝަތު އަޒަލް ޒާހިރު އާއި އައިޑަލް އިން މަޝްހޫރުވެ މިޔުޒިކްގެ ދުނިޔޭގައި ވިދަމުން އަންނަ ޙަސަން ޝަހުދާނެވެ.

ފާތިމަތު ސައީދުގެ ލަވައަކަށް ޙުސެއިން ތައުފީގް ޕްރޮޑިއުސްކޮށް ނެރެފައިވާ މި ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައިވަނީ ގްރެފައިޓް އައިލެންޑުންނެވެ.

ލަވައިގައި ދައްކުވައިދެނީ ނޭޗަރ ޕާކުގެ ގުދުރަތީ ރީތި ކަމާއި އެތަނަށް މީހުން ޒިޔާރަތް ކުރަން ޖެހޭ ސަބަބެވެ.

“މިއީ އައްޑޫއަށް ކަމެއް ކޮށްދޭން ބޭނުންވާތީ ލަވަ ތައްޔާރުކުރި ފަރާތުގެ އެދުމަށް ކޮށްދިން މަސައްކަތެއް. އަބަދުވެސް އަމިއްލަ ރަށަށް އެނގިހުރި މިންވަރަކުން ލިބިފައި ހުރި ހުނަރެއް ބޭނުންކޮށްގެން ކުރެވޭނެ ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށް ތިބޭނީ” ނޭޗަރ ޕާކުގެ ލަވައާއި ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ޝަހުދާން އަދި އަޒަލް ބުނެދިނެވެ.

އަޒަލް އަކީ އައްޑޫސިޓީގެ ފޭދޫއަށް އުފަން ކުޅަދާނަ ލަވަކިޔުންތެރިއަކަށް ވާއިރު ޝަހުދާނަކީ ހިތަދޫ އަށް އުފަން ، ލަވަކިޔުމުގެ ރޮނގުން ވިދަމުން އަންނަ ކުޅަދާނަ ތަރިއެކެވެ.

މި ދެ ފަންނާނުން ވެސް ބުނިގޮތުގައި ނޭޗަރ ޕާކަކީ ވަރަށް ވެސް ރީތި ތަނެކެވެ. އެއީ އެތަނުގެ ހިތްފަސޭހަކަން ބަލާލުމަށް އެންމެން ވެސް ދާން ޖެހޭފަދަ ހިތްގައިމު ތަނެކެވެ

.http://web.facebook.com/anpmaldives/videos/2334809649872695/

“ލަވައަށް ފަހު ވެސް ބުނެލަން އޮތީ އައްޑޫ ނޭޗަރ ޕާކަކީ ވަރަށް ރީތި ތަނެކޭ. މިތަން ބަލާލުމަށް އެންމެން އާދޭ” ޝަހުދާން އާއި އަޒަލް ބުންޏެވެ.

އައްޑޫ ނޭޗާ ޕާކަކީ އީކޯ ޓޫރިޒަމަށް ހާއްސަ ކޮށްގެން ހަދާފައިވާ ތަނެކެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ އީޔޫއާއި އޮސްޓްރޭލިޔާ އެއިޑް އަދި ދިވެހި ސަރުކާރުން ގުޅިގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮގްރާމްގެ ދަށުންނެވެ. މިތަނަކީ ފަތުރުވެރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ޒިޔާރަތް ކުރަމުންދާ އެތައްބައެއްގެ މަގުބޫލު މަންޒިލަކަށް ވަނީ ވެފައެވެ.