English Edition
Dhivehi Edition
އައްޑޫ ނޭޗަރ ޕާކް - ފޮޓޯ: އައްޑޫ ނޭޗަރ ޕާކް

އައްޑޫ ނޭޗަރ ޕާކު ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ފަސް ނުނެގުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނޭޗާރ ޕާކުގެ ޢީދިގަލި ކިޅި އަދި ކޯއްޓޭ ހިމެނޭ ސަރަޙައްދުން ޤަވާޢިދާއި ޚިލާފަށް ކަޅުފަހާއި އަކިރި އަދި ދޮންވެލި ނެގުމާއި ފަޅު ތެރޭގައި ދާ އަޅައިގެން ޤަވާޢިދާ ޚިލާފަށް މަސް ހިފާކަމުގެ ޝަކުވާ ޢާންމު ރައްޔިތުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން ހުއްދަ ހޯދުމަކާއި ނުލައި ހިންގާ އެފަދަ މުޢާމަލާތްތައް ހުއްޓުވުމުގެ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ޓ) އަދި (ޔ) އާއި 40 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި ތިމާވެށި ޙިމާޔަތްކުރުމާއި ބެހޭ ޤާވާޢިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ނޭޗަރ ޕާކު ސަރަޙައްދުން ބައެއް ފަރާތްތަކުން ކަޅު ފަސް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ނޭޗަރ ޕާކުންވެސް ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެފަދަ ޢަމަލުތައް ހުއްޓާލުމަށް އަންގައި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެ ސަރަޙައްދު ރެގިއުލޭޓްކުރުމަށް ފުލުހުންނާއި ކައުންސިލާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއެކު މަސައްކަތްކުރަމުންދާނެ ކަމަށްވެސް އެ ޕާކުން ވަނީ ބުނެފައެވެ.