އައްޑޫސިޓީގެ ފޭދޫ އާންމު ރައްޔިތުންތަކެއް ދިރިއުޅެމުންދާ ގެެއަކަށް ގެއްލުންދީ އެ ގޭގެ ދޮރުގެ ބިއްލޫރި ތަޅާލީ ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވަވާ ކެންޑިޑޭޓް އިބްރާހިމް ދީދީ (އައިބީ)ގެ ކެމްޕެއިން ޓީމުން ކަމަށް ކުރާ ތުހުމަތުތައް އައިބީ ދޮގުކުރައްވައިފިއެވެ.
ސިޔާސީ ފޯރި ގަދަ ވެފައިވާ މި ދުވަސްކޮޅު ވާދަވެރި ކެމްޕެއިނެއް ކުރަމުން ގެންދިޔަ ނަމަވެސް އައިބީގެ ކެމްޕެއިން ޓީމުގެ ފަރާތުން އެކަހަލަ ކަމެއް ކޮށްފައި ނުވާނެ ކަމަށް އައިބީ ވިދާޅުވިއެވެ.
“ކެމްޕެއިން ކުރުމަކީ ރަށުގެ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުންކޮށްގެން ކުރާ ކަމެއް ނޫން. ސިޔާސީ ރޫހުގައި ކެމްޕެއިން ކުރުމަށް އޮންނަ ހަމަތަކާއި ގަވާއިދު ގެ މަތިން އެންމެން ވެސް މިކަން ކުރިއަށް މި ގެންދަނީ. އެހެންވީމާ މި ދުވަސްވަރު އެކަހަލަ ކަމެއް ދިމާވާއިރަށް ވަކި ކެންޑިިޑޭޓަކަށް އިނގިލި ދިއްކޮށް އެމީހެއްގެ ބޮލުގައި ތުހުމަތު އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ ޓީމުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ރޭގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެ އަމަލު ހިންގި ބަޔަކު ހޯދައި ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ގޮވާލަން” އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަވަމުން އައިބީ ވިދާޅުވިއެވެ.
އައިބީގެ ކެމްޕެއިން ޓީމުން ބުނީ ރޭގައި ބިއްލޫރި ތަޅައި ގެއްލުން ދީފައިވާ ގެއަކީ އައިބީގެ ކެމްޕެއިން ޓީމާއި އެއްވެސް ވަރަކަށް ގުޅުމެއް ވެސް ނެތް ބަޔަކު ދިރިއުޅޭ ގެއެއް ކަމަށެވެ.
“މިސާލަކަށް އެފަދަ ކަމެއް ބަޔަކު ކުރި ނަމަ ކުރާނީ ވެސް އެބަޔަކަށް ޖެއްސުންކޮށް އުނދަގޫކޮށް ހަދާ ބަޔަކަށް. އެގޭގައި ދިރިއުޅޭ މީހުންނަކީ އެއްވެސް ގޮތަކަށް ސޯޝަލް މީޑިއާގައި ވިޔަސް ނުވަތަ އަނގަބަހުން ވިޔަސް އެފަދަ ކަމެއް ކޮށް އެއްވެސް އުނދަގުލެއް ކެމްޕެއިން ޓީމަކަށް ކުރާ ބައެއް ނޫން، އެހެންވީމާ މިއީ ސީދާ ކެމްޕެއިނާ ގުޅުން ހުރި ކަމެކޭ ބުނެވޭކަށް ނޯންނާނެ. ” އައިބީގެ ކެމްޕެއިން ޓީމުން ބުންޏެވެ.
ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑުވެފައިވީ ނަމަވެސް އެ ވާދަވެރިކަން ދެމި އޮންނާނީ އެޕްރީލް 7 ވަނަ ދުވަހާއި ހަމައަށް ކަމަށާއި އޭގެ ފަހުން އަނެއްކާވެސް ފޭދޫގެ ރައްޔިތުންނަކީ އެއް ބައެއް ކަމަށް އައިބީގެ ކެމްޕެއިން މެނޭޖަރ އިހްސާން ވިދާޅުވިއެވެ.
“އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފޭދޫގައި ކެމްޕެއިން ކުރިއަށް ގެންދާ ދެ ޓީމުން ވެސް ކުރިއަށް ގެންދާ ކޮންމެ ހަރަކާތެއް ގެންދަނީ ގާނޫނީ އިމުގެ ތެރެއިން ކެމްޕެއިން ކުރުމުގެ ރޫހާ އެއްގޮތަށް. މީސް މީހުންގެ ގެދޮރަށް ގެއްލުން ދިނުމަކީ ކެމްޕެއިން ގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. ރޭ ހިނގި ހާދިސާ އަކީ ކެމްޕެއިން ޓީމަކުން ކުރި ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ” އިހްސާން ވިދާޅުވިއެވެ.
ފޭދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އައިބީ ވާދަކުރައްވަވާ އިރު އެ ދާއިރާއަށް ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ނިހާދެވެ.