English Edition
Dhivehi Edition

މިހާރު ކުރަމުން ދާ ވިއްސާރައިގައި އައްޑޫސިޓީގެ ފޭދޫގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުން ވުމާއި ގުޅިގެން ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނިހާދު ދެއްކެވި ވާހަކަ ތަކަށް އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ރައްދު ދެއްވަވައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އައިބީ ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ ދިމާވެފައިވާ ސިއްޚީ ކާރިޘާގެ ސަބަބުން ރައްޔިތުން މާޔޫސްކަމެއްގެ ތެރޭގައި ތިއްބާ “ފެން ހިންދާނިޒާމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ވަޅުލެވިފައިވާ ހޮޅި ލައިންތަކުގައި ވެލިބަސްތާ ޖައްސައިގެން ރަށުތެރޭ ފެންބޮޑުކޮށްގެން” ސަރުކާރު ވެއްޓިދާހާ ބަލިކަށިކޮށް ސަރުކާރު އޮތްކަމަށް ދޭހަވާގޮތަށް ސަރުކާރު ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން ހޮވިފައި ހުރި މަޖިލިސް މެމްބަރަކު ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާކަމެކެވެ.

“މިމޭރުމުން ވާހަކަ ދައްކަވަމުން އާއްމު އަދަބު އަޚްލާގީ މިންގަނޑާއި ޚިލާފަށް ދާއިރާގެ އާއްމު ފަރުދަކަށް ނިސްބަތްކޮށް އަދި ޖުމްލަކޮށް ދާއިރާގެ ރައްޔިތުން ބަދުނާމުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވުމަކީ ފޭދޫ ދާއިރާގެ ގިނަރައްޔިތުން އެކަމާ ލަދުވެތިވެ ހިތާމަކުރާކަމެއް” 2020 މެއި 18ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޭދޫގައި ފެންބޮޑުވެގެން އުޅޭ މައްސަލާގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު ނިހާދު ދެއްކެވިވާހަކަތަކާއި ގުޅިގެން އައިބީ ވިދާޅުވެފައިވެއެވެ.

އައިބީ ވިދާޅުވީ ފޭދޫ އަކީ އާއްމުކޮށް ބޯކޮށްވާރޭ ވެހޭއިރު ފެންބޮޑުވެ ޖަންގްޝަންތަކުން ނަޖިސްބޭރުވެ ރައްޔިތުންގެ މުދަލާއި އާއްމު ދިރިއުޅުމާއި ސިއްހަތަށް ނުހަނު ގެއްލުންވާ ރަށެއްކަމުން އައިބީ މަޖިލީހުގައި މަސައްކަތް ކުރި 5 އަހަރު ތެރޭގައިވާނީ މިމައްސަލައަށް ދާއިމީ ހައްލެއްހޯދުމަށް ބަޖެޓުގައި 70 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިމަނައި، ޓެންޑަރކޮށް، އެވޯޑްކޮށް އަދި އެ ޕްރޮޖެކްޓްތަކުގެ އަމަލީމަސައްކަތުގެ ބޮޑުބައި ނިންމާފައިކަމަށެވެ.

އެގޮތުން ސާފުބޯފެނުގެ ޕްރޮޖެކްޓްނިމި ބޭނުންކުރަމުން ދިޔައިރު، ނަރުދަމާގެ ޕްރޮޖެކްޓްވަނީ އަމަލީ މަސައްކަތް އެއްކޮށްނިންމައި ހިންގުމަށް ޒިއްމާވާ ކުންފުޏާ ހަވާލުކުރެވިފައި ކަމަށާއި ފެންހިންދާ ނިޒާމުގެ ޕްރޮޖެކްޓްވަނީ 90 އިންސައްތަ މަސައްކަތް ނިމިފައިކަމަށް އައިބީ ވަނީ ވިދާޅުވެފައެވެ.

” 2018 ވަނައަހަރު ސަރުކާރު ބަދަލުވެ ޖެހިގެން އައި އަހަރު މިހާރުގެ މަޖިލިސް މެމްބަރު މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ފާއިތުވެ ދިޔަ އެއް އަހަރުތެރޭގައި ވަނީ މި ދެންނެވުނު ދެ ޕްރޮޖެކްޓް އެއްކޮށް ހުއްޓި ވަނީ ކުރިއަށްނުގޮސް. މި މުއްދަތުގައި އެކި ފަހަރު މަތިން ފޭދޫގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން ދިޔައިރު ފޭދޫ ދާއިރާގެ މެމްބަރަށް މިހާރުގެ ތިމާވެށި މިނިސްޓަރާއި މިކަމާއި ބެހޭގޮތުން ޤާނޫނީގޮތުން ސުވާލު ނުކުރެވިފައިވާކަމީ މެމްބަރުގެ ޤާނޫނީ ވާޖިބު އަދާނުކުރެވުންކަމުގައި އަޅުގަނޑު ގަބޫލުކުރަން. މިޕްރޮޖެކްޓް ނުނިމިގެން އުޅޭ ސަބަބު ރައްޔިތުންނަށް ތަފްސީލުކޮށް އޮޅުންފިލުވައި ނުދެވިއޮތުމާއި އަދި މިޕްރޮޖެކްޓް ނިންމުމަށް ދާއިރާގެ މެމްބަރަށް ނަތީޖާނެރެވޭފަދަ މަސައްކަތްތަކެއް ނުކުރެވި އޮތުމަކީ ރައްޔިތުންގެ ހާލު ރަނގަޅަށް ބަލައި އަދި ދާއިރާގެ ހާލަތު ވަޒަންކޮށް ރައްޔިތުން ތަމްސީލުކުރުމަށް މެމްބަރު ނުކުޅެދިފައިވާކަން ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. މިހާލަތުގައި ރައްޔިތުން އެދި ގޮވަނީ ދާއިރާގެ މެމްބަރު ކުއްލި މައްސަލަ ހުށެހެޅުމަކަށް ނޫން. ކުއްލި ހައްލު ހޯދުމަށް. އަދި ކުއްލި ނަތީޖާ ނެރެދެއްވުމަށް” އައިބީ ގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އައިބީ ވިދާޅުވީ ކައުންސިލާއި މަޖިލިސް އަދި ސަރުކާރު އެއް ސިޔާސީޕާޓީއަކަށް ހަވާލުކުރެވި، އެސަރުކާރުން ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަނޑައަޅުއްވާފައިވާ މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުން ތިބެމެ ގިނަ ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގެ ފަސޭހަ ހައްލެއް އޮވެމެ އެހައްލު ނުހޯދި އެއްއަހަރުވެގެން ގޮސްފައިވާއިރު ޒިއްމާ ނެންގެވުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވަމުން ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދާއިރާގެ ރައްޔިތުންގެ ކިބައިން ދާއިރާގެ މެމްބަރު މަޢާފަށް އެދުމަށް ގޮވާލައްވަވާ ކަމަށެވެ.

“އަޅުގަނޑު އެދެނީ މި ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ވަކި ސިޔާސީޕާޓީއަކާއި ހަވާލުކުރުމަށް ފޭދޫދާއިރާގެ ރައްޔިތުން ދެއްވި ވޯޓަށް އިޚްތިރާމްކުރާ ހާލު މިމައްސަލަ ވަގުތުން ވަގުތަށް ހައްލުކުރުމުގެ ޒިއްމާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު ނަންގަވައި ސަރުކާރާއި ކަމާއިބެހޭ އިދާރާތައް މެދުވެރިކޮށް، ރައްޔިތުންނަށް ފެންބޮޑުވުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ނުލިބެނީސް މި މައްސަލަ ހައްލުކޮށްދެއްވުމަށް” އައިބީ ވިދާޅުވެފައިވެއެވެ.

ވިއްސާރައިގައި ފޭދޫގައި ފެންބޮޑުވެ ގިނަ ބަޔަކު ހާލުގައި ޖެހިފައިވަނިކޮށް ފެން ހިންދުމުގެ މަސައްކަތުގައި އަމަލީކޮށް އައިބީ ބައިވެރިވެފައިވާ ކަަން ފޭދޫގެ ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

2 ކޮމެންޓް
Mohamed
މެއި 19, 2020
ވަރަށް ތެދު ވާހަކައެއް
ޖާބިރު
މެއި 19, 2020
އައި ބީ ގެ ބަޔާނަށް ތާއީދު. ނިހާދަށް މި ފާއިތުވީ އެއްއަހަރު ދުވަހު ކޮށްދެވުނީ ކީތް؟