ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުހުރި ދެޖިންސުގެ ޒުވާނުންނަށް ހުޅުވާލައިގެން އޭއޯނިއުސް އިން އައްޑޫގައި ކުރިއަށް ގެންދާ ބޭސިކް ޖާނަލިޒްމ ކޯހުގައި 26 ފަރާތަކުން ބައިވެރިވެއްޖެއެވެ.
ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައި އިއްޔެ ފެށި މި ކޯހަކީ ނޫސްވެރިކަމުގެ ދާއިރާއިން ކުރއަށް ދާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ބޭސިކް ލެވެލްގެ ކޯހެކެވެ.
މާޗް 12 އިން 21 މާރޗް ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައި ދެއްވާނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. މިއީ މުޅިން ހިލޭ، ކިޔަވައިދޭ ކޯހެކެވެ.
ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ އައްޑޫގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.
އެގޮތުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އޭއޯ ނޫހުގައި ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފުރުސަތު ލިބިގެންދާނެއެވެ.
އޭއޯ ނިއުސް އިން ވަނީ މީގެ ކުރިންވެސް ތަފާތު ގިނަ ފަހަަރުތަކެއްގެ މަތިން އައްޑޫގައި މިފަދަ ކޯސްތައް ހިންގައި ޒުވާނުން ތަމްރީންކޮށް މި ދާއިރާއަށް ނެރެދީފައެވެ. ހަމަ އެއާއެކު އޭއޯ ނިއުސްގެ އެހީ އާއެކު ރާއްޖެއިން ބޭރުގައި މިހާރުވެސް 2 ކުއްޖަކު ޖާނަލިޒަމް ޑިޕޮލޮމާ ކޯސް ފުރިހަމަ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްގައި އެފުރުސަތު ހޯދައިދިނުމަށް އޭއޯ ނިއުސް އިން ކުރިއަށް ގެންދާ ސްކޫލް މީޑިއާ ހަކަރާތަކީ ކާމިޔާބު ހަރަކާތެކެވެ. އޭއޯ ނިއުސް އިން ވަނީ ސްކޫލުގެ ސެމިސްޓަރ ބަންދާ ދިމާކޮށް 2 ދުވަހުގެ ސްކޫލް މީޑިއާ ކޭމްޕެއްވެސް ހިންގާފައެވެ. މި ކޭމްޕްގައި އައްޑޫގެ 8 ސްކޫލަކުން ދަރިވަރުންނާއި މުދައްރިސުން ހިމެނޭގޮތަށް 60 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.