English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫގައި ސިއްޚީ ޚިދުމަތް ދެމުން އަންނަ އެއިމްސް ހެލްތް ކެއަރ ގައި ޓެލެމެޑިސިން ޚިދުމަތް ދިނުމަށް ގާއިމު ކުރި އެޕޯލޯ އެއިމްސް ޓެލެހެލްތް ސެންޓަރ ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އިންޑިޔާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން އެއިމްސް އިން ފެށި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ އެކަމަށްޓަކައި ޚާއްޞަކޮށްގެން ފޭދޫ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޓެލެމެޑިސިން އަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ގެ ސިޔާސަތުގެ ތެރެއިން ސިއްހީ ދާއިރާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ. ޚާއްޞަކޮށް މަތީ ފެންވަރުގެ ޑޮކްޓަރުންގެ ލަފާ ލިބޭނެ ވަސީލަތްތައް ގާއިމު ވެގެން ދިއުމަކީ ސަރުކާރުގެ ސިޔާސތުގެ މުހިއްމު ދާއިރާއެއް ކަމަށް އަމީން ވިދާޅުވިއެވެ.

” މިރެއަކީ އައްޑޫސިޓީގެ ރައްޔިތުން ޒަމާނުއްސުރެން ކުރަމުންދާ އުއްމީދުތަކުގެ އެކިއެކި ހަރުފަތް ތަކުގެ ތެރެއިން މުހިއްމު ހަރުފަތެއް ގިރާކުރެވުނު ރެއެއް. މި ޚިދުމަތް ތައާރަފްކޮށް މިހާ އަވަސް މިނެއްގައި މި ޚިދުމަތް ދިނުމަށް އެއިމްސް އިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭކަމެއް. ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމުގައި އަމިއްލަ ސިއްހީ ދާއިރާގައި އަދި އެކިއެކި ދާއިރާތަކުގައި ކަންކަން ހާސިލް ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކަކީ ރާއްޖޭ އެކިއެކި ރޮނގު ރޮނގުން ކާމިޔާބު ހޯދުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ ކަންތައްތައް” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެއިމްސް ހެލްތް ކެއާ އާއި އިންޑިޔާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލް ގުޅިގެން ޓެލެހެލްތް ކެއަރ ޕްރޮގްރާމު ފެށުމަށް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ދިޔަ އަހަރުގެ އެޕްރީލް މަހުގައެވެ. މި އެއްބަސްވުމުގައި އެއިމްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެއިމްސް ހެލްތް ކެއާގެ ސީއީއޯ އަލީ އިޙްސާނެވެ. އެޕޯލޯ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އިންޓަނޭޝަނަލް ޕޭޝަންޓް ޑިވިޝަންގެ ސީނިއާރ ގުރޫޕް ޖެނެރަލް މެނޭޖަރ ޖިތޫ ޖޯސް އެވެ.

ޓެލެމެޑިސިން ނުވަތަ ދުރުތާފަރުވާ އަކީ އެތައް ސަތޭކަ މޭލުގެ ދުރުމިނެއްގައި ތިބެ ބަލިމީހުން ބެލުމަށް ބަލިމީހާގެ ގާތުގައި ހުރި ތަމްރީން ލިބިފައިވާ ނަރުހެއްގެ އެހީއާއެކު ބޭސްވެރިކަން މުވާސަލާތީ ގޮތުން ގުޅާލުމެވެ. ޓެލެކޮންސަލްޓޭޝަަނަކީ ބަލިމީހާއާއި ޑޮކްޓަރާއި އެއްތަނެއްގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތްތަކުގައި ވެބްކެމެރާގެ ޒަރީއާއިން ވީޑިއޯ ކޮށް ގެން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ބަލިމީހާއަށް ފޯރުކޮށް ދިނުމެވެ.

މިޚިދުމަތް ދިނުމަށްޓަކައި އެއިމްސްގައި ވަނީ “އެޕޯލޯ އެއިމްސް ޓެލެހެލްތް ސެންޓަރ” ގެ ނަމުގައި ސެންޓަރެއް ގާއިމުކޮށްފައެވެ. މި ސެންޓަރުން ބަލިމީހުންނަށް ލިބިގެންދާނެ އެންމެ ޚާއްޞަ ޚިދުމަތަކީ އެއިމްސް ކުލިނިކުގައި މިވަގުތު ބައްލަވަމުން ގެންދަވާ ޚާއްޞަ ޑޮކްޓަރުންނާއި އެ ޑޮކްޓަރުން ޚާއްޞަވެފައިވާ ދާއިރާތަކުން މިވަގުތު އެއިމްސް ކުލިނިކުން ލިބެން ނެތް ޚާއްޞަ ފަރުވާގެ ގިނަ ޑޮކްޓަރުންނާއި ވަގުތުން ގުޅާލެވޭ ގުޅާލުމެވެ.

ތަފާތު ގިނަ ޒަމާނީ ޚިދުމަތް ތަކާއެކު ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް އައްޑޫގައި ދިނުމަށްޓަކައި އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.