English Edition
Dhivehi Edition

އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން ކުރަމުން ގެންދާ މަސައްކަތުގައި މިފަހަރު ތައާރަފް ވެގެން މިދިޔައީ މުޅިން ވެސް އާ ޚިދުމަތެކެވެ. ރާއްޖޭގެ ސިއްޚީ ޚިދުމަތްދޭ އެހެން ފަރާތަކުން އަދި ފަށާފައި ނެތް ޓެލެމެޑިސިންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން އެންމެ ފުރަތަމަ ފެށި ތަނަކަށް އެއިމްސް ވެގެންދާނެއެވެ. އިންޑިޔާގެ މަޝްހޫެރު އެޕޯލޯ ހޮސްޕިޓަލާ އެކު އެއިމްސް އިން ރޭ ފެށިގެންދިޔަ ޓެލެހެލްތް ސެންޓަރުގެ ޚިދުމަތް ވެގެންދާނީ އައްޑޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަ ކަމަަށެވެ.

ޓެލެމެޑިސިން ނުވަތަ ދުރުތާފަރުވާ އަކީ އެތައް ސަތޭކަ މޭލުގެ ދުރުމިނެއްގައި ތިބެ ބަލިމީހުން ބެލުމަށް ބަލިމީހާގެ ގާތުގައި ހުރި ތަމްރީން ލިބިފައިވާ ނަރުހެއްގެ އެހީއާއެކު ބޭސްވެރިކަން މުވާސަލާތީ ގޮތުން ގުޅާލުމެވެ. ޓެލެކޮންސަލްޓޭޝަަނަކީ ބަލިމީހާއާއި ޑޮކްޓަރާއި އެއްތަނެއްގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތްތަކުގައި ވެބްކެމެރާގެ ޒަރީއާއިން ވީޑިއޯ ކޮށް ގެން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ބަލިމީހާއަށް ފޯރުކޮށް ދިނުމެވެ.

މިއީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދިގު ދަތުރުން ސަލާމަތްވެ ބޭސްފަރުވާ ލިބިގަތުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ހަމަ އެއާއެކު ސިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ދާން އުނދަގޫ ރަށްތަކުގައި ތިބޭ ބަލިމީހުން ޓެސްޓްކޮށް، ޑައިގްނޯސްކޮށް ފަރުވާ ދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މި ޚިދުމަތުގެ ސަބަބުން ބަލިމީހާގެ އަގުހުރި ވަގުތު ސަލާމަތްވެ އެމީހާއަށް ލިބިދޭން ޖެހޭ ފަރުވާ ވަރަށް ބޮޑުތަން އަވަސް ވެގެންދާނެއެވެ.

މި ޚިދުމަތް ކުރިއަށް ގެންދިޔުމަށްޓަކައި ލެޕްޓޮޕާއި ވެބްކެމް ބޭނުންކޮށްގެން ލަފާދޭ ޑޮކްޓަރު އެކޮޅުގައި ހުރެގެން ތަމްރީން ލިބިފައިވާ ނަރުހެއްގެ އެހީގައި ޑައިގްނޯސްޓިކް ސާމާނު ބޭނުންކޮށްގެން ޚާއްޞަ މެޑިކަލް ޑޭޓާއެއްގެ ގޮތުގައި ކޮމްޕްރެސް ކުރެވި ފޮނުވޭފަދަ ނިޒާމެއްގެ ދަށުން ފަރުވާ ކުރިއަށް ގެންދެވެއެވެ.

އެއިމްސް އިން ރޭ ފެށިގެން ދިޔަ ޓެލެމެޑިސިން ނިޒާމު ގާއިމުކޮށްފައިވަނީ އެއިމްސް ޑައިގްނޯސްޓިކް ކެއަރ ގެ ގޮތުގައެވެ. މި ނިޒާމުގެ ދަށުން އެއިމްސް އާ، ސްޕެޝަލިސްޓް ހުންނަވާ އެޕޯލޯ ހޮސްޕިޓަލާ ދެމެދު އިންޓަނެޓް މެދުވެރިކޮށް ގުޅުވާލައިގެން ބަލިމީހުންނަށް ފަރުވާދެވެއެވެ.

މި ފަރުވާ ހޯދުމަށް ބަލިމީހުން އެމީހުންގެ މެޑިކަލް ރިޕޯޓް ހިފައިގެން އެއިމްސް އަށް ދިއުމުން އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްގައި ބަލިމީހުން ބެލުމަށް ތިއްބަވާ ޑޮކްޓަރުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރަކާ މަޝްވަރާ ކުރެވޭނެ ގޮތް އެއިމްސް އިން ހަމަޖައްސައިދެއެވެ. އަދި ޑޮކްޓަރުންނަށް ބަލިމީޙުންގެ ލޭގެ ޕްރެޝަރ، ވިންދު އަދި ބަލިމީހާގެ ވީޑިއޯ ވަގުތުން ބަލައިލެވެއެވެ. މިއާއެކު މި މައުލޫމާތު އެޕޯލޯގައި ތިއްބަވާ އެހެން ޑޮކްޓަރުންނާ ހިއްސާކުރެވި އެ ޑޮކްޓަރުންގެ ލަފައާއި އިރުޝާދު ލިބިގެންދެއެވެ.

މި ނިޒާމުގެ ދަށުން ބަލިމީހުންނަށް ލިބިގެންދާނެ އެންމެ ޚާއްޞަ ޚިދުމަތަކީ އެއިމްސް ކުލިނިކުގައި މިވަގުތު ބައްލަވަމުން ގެންދަވާ ޚާއްޞަ ޑޮކްޓަރުންނާއި އެ ޑޮކްޓަރުން ޚާއްޞަވެފައިވާ ދާއިރާތަކުން މިވަގުތު އެއިމްސް ކުލިނިކުން ލިބެން ނެތް ޚާއްޞަ ފަރުވާގެ ގިނަ ޑޮކްޓަރުންނާއި ވަގުތުން ގުޅާލެވޭ ގުޅާލުމެވެ.

ދިވެހިރާއްޖެއަކީ 298 ކިލޯމީޓަރުގެ ރާސްތާގެ ދުރުމިނަށް ފެތުރި އަދި މީހުން ދިރިއުޅޭ 200 ރަށުގެ މައްޗަށް ބިނާވެފައިވާ ކުޑަ ޖަޒީރާ ގައުމެކެވެ. ބައެއް ހާލަތްތަކުގައި ދާން އުނދަގޫ ރަށްތަކުގައި މީހުން ދިރިއުޅޭ ގައުމަކަށް ވުމާއެކު އެއިމްސް އިން ފެށިނ ޓެލެމެޑިސިން ގެ މި ޚިދުމަތަކަކީ ރާއްޖޭގެ ބަލިމީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

 

 

1 ކޮމެންޓް
Sham
މާޗް 11, 2019
Mauloomaath ragalhah nuhoadhaa mikahala habaru nuliyebala. Telemedicine raajjeyge hospital thakugai 2008 in feshigen beynun Kuri