ސ.މީދޫ ބޯގަންވިލާ ޝަމީމާ އަހްމަދަކީ ހިތްވަރުގަދަ އަންހެނެކެވެ. އިތުރު މީހެއްގެ އެހީތެރިކަމެއް ނެތި ދަސްކުރި މަސައްކަތުން އަމިއްލައަށް އާމްދަނީ ހޯދަމުން އަންނަ ނަމޫނާ ކަނބަލެކެވެ. އެންމެ ކުޑައިރު ވެސް ބޭނުންވީ ފެހުން ތެރިއަކަށް ވާށެވެ. ބޭބެ ފަހާތަން ފެނި އެކަމަށް ޝަމީމާ ޝައުގުވެރިކަން އުފެދުނެވެ. އެގޮތުން ޝަމީމާ ވަރަށް ކުޑައިރު އޭނަގެ ބޭބޭ ފަހާތަން ފެނިގެން ފަހަން ދަސްކޮށް ދިނުމަށް ބޭބެ ކައިރިން އެދުނެވެ.
“ބޭބޭ ކައިރީގައި ބުނިން ހެދުމެއް ފަހަން ދަސްކޮށްދިނީމަ ފަހާފައި ރުފިޔާވެސް ދޭނަމޭ. ދެން ހެދުމެއް ފަހާވެސް ހެދިން އެކަމަކު ދޭނެ ރުފިޔާއެއް އަތަކު ނެތް” ޝަމީމާ ހީލަމުން ކިޔާދިނެވެ.
ފިސާރި ކަނބަލެއް ކަމަށްވާ ޝަމީމާގެ މަސައްކަތުގެ ވާހަކަ ފެށިގެން އައިގޮތް ތިރީގައި މިވަނީއެވެ.
“ޒުވާން ދުވަސްތައް ގުނަމުން އައިސް ކައިވެންޏެއްކޮށް ދަރިއަކު ލިބުމުން އިތުރު ހަރަދުތައް ބޯމަތިވި. އެހެން ކަމުން ބެލީ ކުޑައިރުއްސުރެ ކުރާހިތް ވާ މަސައްކަތް ކަމަށްވާ ފެހުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް. އެގޮތުން ގޭގައި ކުރީޒަމާނުން ފެށިގެން އެންމެ ކުރީގައި ފަހަން ގެންގުޅޭ ވައްތަރުގެ ފޮށްޓެއް ގަނެގެން މަޑުމަޑުން ފަަހަން ދަސްކުރިން. ދަސް ކުރުމަށް އެންމެ ފުރަތަމަވެސް ފޮތި ގަނެގެން ހެދުމެއް އެޅުމަށް ފަހު އެގޮތަށް ހެދުން ކަނޑައިގެން ދަރިފުޅުގެ ހެދުން ތަކާއި އަމިއްލަ ހެދުންތައް ފަހަމުން އައިސް ފަހަން ދަސްކުރީ. އަދި މަޑުމަޑުން އޭރުވެސް ކޮންމެވެސް ވަރަކަށް މީހުންގެ ހެދުންތައްވެސް ފެހީން. ” ޝަމީމާގެ މަސައްކަތް ފެށިގެން އައިގޮތް އޭނާ ހިއްސާކުރީ މިހެންނެވެ.
ފަހަން ދަސްކުރުމަށް ފަހު ދެން ބެލީ އަވަހަށް ފަހުގެ ފަހާފޮށްޓެއް ގަނެލެވޭތޯއެވެ. ރަނގޅު ފާހަފޮއްޓެއްގެ މިލްކުވެރިޔަކަށް ވީއިރު ޝަމީމާ ވަނީ ބޭސިކް ލެވެލް އަށް ފަހަން ދަސްކޮށްފައެވެ. ޝަމީމާގެ ދިރިއުޅުން އުޖާލާ ކުރުމަށް ޓަކައި އޭނާ ދެންބޭނުންވީ ފަހާތަނެއް ހުޅުވުމަށެވެ. އެގޮތުން އޭނަގެ ދައްތަގެ ގޭގައި ކުޑަފަހާތަނެއް ހުޅުވައިގެން އޭނަވަނީ ފެހުމުގެ މަސައްކަތް ފުޅާކޮށްފައެވެ.
” ފަހާތަނެއް ހުޅުވައިގެން ފަހައިގެން ލިބޭ އާމްދަނީ އަކުން މަޑުމަޑުން ފަހާތަނަކަށް ބޭނުންވާނެ ފަހުގެ ސާމާން އެއްކުރިން. އެއަށްފަހު ކަސްޓަމަރުންގެ އޯޑަރ ތައްނަގައިގެން ރަނގަޅަށް ފެހުމުގެ މަސައްކަތް ފެށީ. މިތަނަށް ގަތް ހުރިހާ އެއްޗެއް ގަނެފައި ހުންނާނީ ހަމަ އަމިއްލަ އަށް ކުރި މަސައްކަތުން. އެއްވެސް އެހެންމީހެއްގެ އެހީތެރިކަމެއް ލިބިފައި ނޯންނާނެ” ޝަމީމާ އޭއޯ ނިއުސްއަށް އިންޓަވިޔު ދެމުން ބުންޏެވެ.
ފެހުމުގެ ދާއިރާގައި ގިނަދުވަސް ވެފައިވާ ޝަމީމާ ބުނީ، އަންހެނަކަށް ވެފައި އެކަނި ކުރަން ފެހުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. މިހާތަނަށް އައިރު ފެހުމުގެ ބުރަމަސައްކަތް އޭނަގެ ދަރިފުޅުގެކަން ކަމުގެ އިތުރަށް ގޭގެ މަސައްކަތާއި އެކު އެކަނި ކުރަމުން އައީ ވަރަށް ބުރަކޮށް އުޅެމުން ކަމަށް ޝަމީމާ ބުންޏެވެ.ނަމަވެސް މިހާރު ބައެއްފަހަރު ސިއްޙީ ކަންކަމާއި ދިމާވާފަހަރު ވެސް ކަސްޓަމަރުންގެ މަސައްކަތަށް ބުރޫއަރާފާނެތީވެ މަސައްކަތަށް ބަލިވެ އުޅޭ ދުވަސްތަކުގައިވެސް ފެހުމާއިގެން ކުރިއަށް ދާންޖެހޭތީ އާއި ޝަމީމާ ވަނީ ބޭރުގެ ފެހުންތެރިއަކުވެސް ގެނެސްފައެވެ.
ޝަމީމާ ބުނީ ފެހުމަކީ ވަރަށް ބުރަމަސައްކަތެއް ކަމަށެވެ. ބައެއްފަހަރު ފަސޭހަކަމެކޭ ހީވިޔަސް މިމަސައްކަތް ކުރަން ފެށުމުނެ މިމަސައްކަތުގެ ބުރަކަން އެންމެނަށްވެސް އިހުސާސްވާނެ ކަމަށެވެ. “ވަރަށް އުފާވޭ އަހަރެން ފަހާފައިހުންނަ ހެދުން ކަސްޓަމަރު ލުމަށްފަހު ދައްކާލުމުން. އަހަރެން ހިތް ހަމައެއްވެސް ނުޖެހޭނެ ދައްކާ ނުލަނިކޮށް. އަދި އަބަދުވެސް ބުނަން ދައްކާލުމަށް. އަދި އަހަރެން ފަހާފައި ހުންނަ ހެދުން އެހެން މީހަކު ލައިގެން ހުރިތަންފެނިގެން ރީތިވެގެން ވެސް ފައްސަން އާދޭ އެހެންވީމަ މިއީ ވަރަށް ބޮޑު ކުރިއެރުމެއް. ދެން ބައެއްފަހަރު ފަހަން ހަވާލުވާ އެއްޗެއް ކުޑަކޮށް ބަލިހާލަތު ހުރިގޮތަކުން ލަސްވެފައި ހުރެދާނެ.” މަސައްކަތާއި ބެހޭގޮތުން ކަސްޓަމަރުންގެ ހިޔާލާ ބެހޭގޮތުން ޝަމީމާ ބުންޏެވެ.
ފެހުމުގެ ދާއިރާގެ ބޭރުން އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ކުރާތޯ އޭއޯ ނިއުސް އިން ކުރި ސުވާލުގެ ޖަވާބް ގައި ޝަމީމާ ބުނީ، ފެހުމުގެ އިތުރުން ހުސްވަގުތު ތަކުގައި އޭނަ ކުރާކަމަކީ މާގަސް އިންދައި ގަސް ވިއްކުމެވެ.
ފެހުމުގެ ދާއިރާގައި ޝަމީމާގެ ތުޖުރިބާ ކިޔާދެމުން ބުނީ، އަމިއްލަ އަށް މަސައްކަތް ކޮށް އަމިއްލަ ފައިމައްޗަށް ތެދުވެ ފަހަން ދަސްކޮށް މިހާރު ވަނީ އިތުރަށް ބޭސިކް ލެވެލްގެ ކޯސްތައްވެސް ނިންމުމަށްފަހު އެޑްވާންސް ކޯސްވެސް ހަދާފައި ކަމަށެވެ. ” ފަހަން އެނގުނަސް އިތުރަށް އުނގެނެން ބޭނުން ވޭ އެހެން ވީމަ ކޯސްތަކުގަ ބައިވެރިވަނީ އަދިވެސް އިތުރަށް ވެސް ދަސްކުރަން ބޭނުން” ޝަމީމާ ބުންޏެވެ.
ޅައުމުރުން ފެށިގެން ހެދުން ފަހަމުން އަންނަ ޝަމީމާ ބުނީ ހުރިހާ ވައްތަރެއްގެ ހެދުންވެސް ފަހަން އިނގޭ ކަމަށާއި ނަމަވެސް މިހާތަނަށް ވެޑިންގ ޑްރެސް އަކަށް ފަހާފައިވަނީ ދަރިފުޅުގެ ހެދުން ކަމަށެވެ. ” އެޑްވާންސް ކޯހުގައި ވެޑިންގ ޑްރެސް ފެހުމުގެ ބައި ދަސްކުރަމުން މިދަނީ އަދި ކޯހުގެ އެބައި ނުނިމޭ. ނިމުމުން ހުރިހާ ވައްތަރެއްގެ ވެޑިންގ ޑްރެސް ވެސް ފަހާނަން” ޝަމީމާ ބުންޏެވެ.
ޝަމީމާގެ އަމިއްލަ ވިޔަފާރި ފުޅާކުރުމަށްފަހު އޭނަ ބޭނުންވަނީ މިދާއިރާއިން އިތުރަށް ވެސް ކިޔަވައިގެން ރަށުގައި ކޯސްތައް ވެސް ހިންގުމަށެވެ. ޝަމީމާ ބުނީ މިހާހަމައަށް އައުމާއި ހަމައަށް ވެސް ގިނަގުނަ ދަތިތަކާ ކުރިމަތިވެ ބައެއްފަހަރު މަސައްކަތް ކުރިއަށް ނުގެންދެވޭނެ ހެންހީވާ ފަހަރުވެސް އަންނަ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ކަނބަލުންނަށް ބުނެލަން ބަޭނުންވަނީ ހިތްވަރާ އެއްކޮށް މަސައްކަތް ކޮށްފިއްޔާ ކާމިޔާބް ނުވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ޝަމީމާ އިންޓަވިއު ނިންމާލަމުން ބުންޏެވެ.
އޭއޯ ނިއުސް އިން އެދެނީ ޝަމީމާގެ މަސައްކަތުގައި ބަރަކާތް ލައްވައި އިތުރު ކާމީޔާބީ އަކަށެވެ. އާމީން.