English Edition
Dhivehi Edition
އޭއޯ އިން 2014 ވަނަ އަހަރު ބޭއްވި މަޖިލިސް ބަހުސްގެ ތެރެއިން

އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބައިވެރިވާ އައްޑޫގެ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން “މަޖިލިސް ބަހުސް 2019” ގެ ނަމުގައި ކެންޑިޑޭޓުންގެ ބަހުސެއް ބޭއްވުމަށް އޭއޯ ނިއުސް އިން ހަމަޖައްސައިފިއެވެ.

އައްޑޫގެ ދާއިރާތަކަށް ވާދަކުރައްވަވާ ގިނަ ކެންޑިޑޭޓުންގެ އެދުމުގެ މަތިން އޭއޯ ނިއުސް އިން އިންތިޒާމު ކުރާ މި ބަހުސްގެ މަގްސަދަކީ ދާއިރާއިން ވާދަކުރައްވަވާ ހުރިހާ ކެންޑިޑޭޓުންނާ އެއްތަނަކުން ބައްދަލުކޮށް އެކެންޑިޑޭޓުންގެ ވާހަކަތައް އަޑުއަހައި އޭގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓަކީ ކޮބައިކަން ރައްޔިތުން އަމިއްލައަށް ނިންމުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ކެންޑިޑޭޓުންގެ ބަހުސް ކުރިއަށް ގެންދާނީ 3 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ ހިތަދޫގެ ގެ 3 ދާއިރާ، މަރަދޫ އަދި ފޭދޫ ދާއިރާ، ހުޅުދޫ އާއި އައްޑޫމީދޫ ދާއިރާއެވެ. މި ދާއިރާތަކުގެ ބަހުސް ކުރިއަށް ގެންދާނީ އެދާއިރާއާއި ގުޅުން ހުރި ކޮންމެވެސް އެއްސަރަހައްދެއްގައެވެ. ބަހުސް ބާއްވާނީ މާޗް މަހުގެ 20 ވަނަ ދުވަހުގެ ފަހުންނެވެ.

މި ބަހުސްގައި ބައިވެރިވުމަށް އައްޑޫގެ ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ބަހުސް ގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންގެ ފަރާތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ނަމަ 7782034 މި ނަމްބަރަށް ގުޅުއްވުމުން މައުލޫމާތު ލިބޭނެއެވެ.

ބައިވެރިވާ ކެންޑިޑޭޓުންނަށް ބަހުސް އާއި ބެހޭ ގަވާއިދާއި އެޕްލިކޭޝަން ފޯމް ފޮނުވައި ދެވޭނެއެވެ. ކޮންމެ ދާއިރާއަކުން އެއް ކެންޑިޑޭޓަކު ބައިވެރިވެވަޑައިގަންނެވި ނަމަވެސް އެ ދާއިރާއެއްގެ ބަހުސް ކުރިއަށް ގެންދެވޭނެއެވެ.

މި ބަހުސް ކުރިއަށް ގެންދާ ވަގުތު ފޭސްބުކް އަދި ޓްވިޓާ ،މެދުވެރިކޮށް ލައިވް ކުރުމާއި ކޮންމެ ކެންޑިޑޭޓެއްގެ ވާހަކަފުޅުތައް ހިމެނޭ ގޮތަށް ރިޕޯޓް އާއި ޚަބަރު ތައްޔާރުކުރެވޭނެއެވެ. އަދި ބަހުސް ކުރިއަށް ދާ ވަގުތު އެ ދާއިރާއެއްގެ ރައްޔިތުންގެ ތެރެއިން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އެތަނަކަށް ހާޒިރުވެ ބަހުސް އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

2014 ވަނަ އަހަރުވެސް އޭއޯ އިން ވަނީ މަޖިލިސް އިންތިޚާބަށް ޚާއްޞަކޮށްގެން މިފަދަ ކާމިޔާބު ބަހުސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.