English Edition
Dhivehi Edition

ދުވަހަކުވެސް ކުރާނެ މަސައްކަތެއް ނެތި ގޭގައި އިންނަން ނުޖެހުމުގެ ސިއްރަކީ ކޮންމެ ކަމެއްވެސް ކެރިގެން ކުރުން ކަމުގައި ހެމާ މާލިނީ ބުނެފިއެވެ. މީގެ އިތުރުން ހެމާ ބުނެފައިވަނީ ޑާންސްކުރުމަކީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމަށާއި ހެމާ މާލިނީ ފުރިހަމަ ވަނީ ޑާންސާއެކުގައި ކަމަށެވެ.

ބޮލީވުޑްގެ ޑްރީމް ގާލްގެ ގޮތުގައި މަޝްހޫރުވެފައިވާ 67 އަހަރުގެ ހެމާ އޭނާ އަށް ލިބިފައިވާ ކާމިޔާބީތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާއަށް ފިލްމީ ދާއިރާގައި ލިބުނު ކޮންމެ ފުރުސަތެއްވެސް ބޭނުންކޮށްފައިވަނީ އުފަލާއެކުގައި ކަމަށެވެ. މިހާތަނަށް ތަފާތު އެކި ރޯލުތަކުން ފެނިގެން ގޮސްފައިވާ ހެމާ ވަނީ މާމައެއްގެ ބައި، ސިޔާސީ ބައިތައް، އަދި ފިލްމުގެ ލީޑް ރޯލްތައްވެސް ކުޅެފައެވެ. މިހާރުވެސް ކުދިންނަށް ޑާންސްކުރަން ދަސްކޮށްދެމުން އަންނަ ހެމާ ބުނެފައިވަނީ މިހާރު ކްލެސިކަލް ޑާންސްތަކަށް މީހުން ދޭ ސަމާލުކަން ކުޑަވެފައިވާ ކަމަށެވެ. ސޮނީ އާއި އެކު ޑާންސް ޝޯއެއް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަހަރު މަސައްކަތްކޮށް ނާކާމިޔާބުވެފައިވާކަމަށް ހެމާ ވަނީ ބުނެފައެވެ. “އެމީހުން ފުރުސަތު ދެނީ ބައެއް މީހުންނަށް. މިހާރު ވަރަށް ގިނަފަހަރު ސޮނީ އާއި އެކު ވާހަކަދައްކައިފިން. ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއް ރަގަޅު ކުރަން ބުނަނީ. އެކަން ރަގަޅުކޮށްގެން ދާއިރަށް އިތުރު އެހެންކަމެއް ދައްކަނީ ރަގަޅުކުރާށޭ ކިޔާފަ.” ހެމާއަށް ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން ދެން ޝޯއެއް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ހެމާ ބުންޏެވެ.

ފިލްމީ ދާއިރާގައި ހޭދަކުރި ދުވަސްތަކަކީ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއްކަމަށް ހެމާވަނީ ބުނެފައެވެ. ދިއްލީގައި ދިރިއުޅުމަށްފަހު ފިލްމީ ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން އޭނާވަނީ ޗެއްނާއީ އަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑާންސްކުރުމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ލިބިގެން ދިއުމާއެކު ފިލްމީ މަސައްކަތްތައް ކުރުމަށް އޭނާވަނީ މުމްބާއީ އަށް ބަދަލުވެފައެވެ.މުމްބާއީ އަށް ދިރިއުޅުން ބަދަލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ހެމާވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ދަރްމެންދަރު އާއި ކައިވެނިކޮށްފައެވެ.

ސާޅީސް ދެ ފިލްމުގައި އެއްކޮށް މަސައްކަތްކޮށްފައިވާ ހެމާއާއި ދަރްމެންދަރު ބައްދަލުވެފައިވަނީ 1970 ވަނަ އަހަރު ދެ ތަރިން އެކުގައި ކުޅުނު ފިލްމު ‘ތުމް ހަސީނާ މެއި ޖަވާން’ ކުޅުނު ދުވަސްވަރުގައެވެ. އޭރު ދަރަމެންދަރު ކައިވެނިކޮށްގެން އުޅެމުން އައީ ޕްރަކާޝްކޯރް އާއެވެ. އަދި ދަރްމެންދަރުގެ މި ކައިވެންޏަށް ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްވަނީ ލިބިފައެވެ. ހެމާއަށް އެ ދުވަސްވަރު ވަރަށް ގިނަ މީހުންގެ މަލާމަތް ރައްދުވެފައިވާއިރު އޭނާއާއި ކައިވެނިކުރުމަށް ޖީތެންދުރަ ފަދަ މަޝްހޫރު ތަރިންވަނީ ހުށަހަޅާފައެވެ. ހެމާއާއި ދަރްމެންދަރުގެ ކައިވެންޏަށް ހެމާގެ ބައްޕަ ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ދެ ތަރިންވަނީ އެމީހުންގެ ދީން ބަދަލުކޮށް އިސްލާމްދީނު ގަބޫލުކުރުމަށްފަހު ކައިވެނިކޮށްފައެވެ. މި ކައިވެންޏަށް ވަނީ ލިބިފައިވަނީ އަހާނާ ޑިއޯލް އާއި އީޝާ ޑިއޯލް އެވެ

ކައިވެންޏަށް ފަހު ވެސް ފިލްމީ އެކިއެކި މަސައްކަތްކޮށްފައިވާ ހެމާ ބުނީ ކައިވެނިކޮށް ދަރިން ލިބުމުގެ ސަބަބުން އޭނާ އަށް އެއްވެސް ހުރަހެއް ކުރިމަތިވެފައި ނުވާކަމަށެވެ. އަދި އޭނާ ކުރާ ކޮންމެ މަސައްކަތެއްގައިވެސް ފިރިމީހާއާއި ދަރިންގެ އެއްބާރުލުން ލިބެމުންދާކަމަށް ހެމާ ވަނީ ބުނެފައެވެ