ދިވެހިރާއްޖޭގައި މި ވަގުތު ދެ ރައީސަކު ހުންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި ނަން ހާމަނުކުރައްވާ ކުރީގެ ރައީސް ނަޝީދުއަށް އަމާޒުކުރައްވާ ރީކޯ ވިދާޅުވީ އެއް ރައީސަކު، ރައީސް އޮފީހުގައި ހުންނެވި ކަމަށާއި އަނެއް ބޭފުޅާ ވީތަނެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. “ގައުމާއި އެމްޑީޕީ ދެ ބޭފުޅަކު ހިންގަން ޖެހުމުގެ ސަބަބުން މުޅި ޕާޓީ ފުނޑު ފުނޑުވެގެންދަނީ. މިކަމުގެ ސަބަބުން ބައެއް މެންބަރުން ވެސް އެ ޕާޓީ އިން ވަކިވަމުން އެބަދޭ” ރީކޯ ވިދާޅުވިއެވެ.
މިހާރު ވެރިކަން ހިނގަމުންދާ ގޮތައް ފާޑު ވިދާޅުވަމުން ރީކޯ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތްކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް ހިނގަމުން ނުދާކަމަށެވެ. މީގެ އިތުރުން ރީކޯ ވިދާޅުވީ މިހާރުގެ ރައީސް ބައިންދާފައި އެހެން ވެރިއަކު އެކަންކަން ކުރަން ހަދައިގެން އެމްޑީޕީއަށްވެސް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރީކޯ ވަނީ ވައްކަމާއި ފަސާދައަށް ޒީރޯ ޓޮލަރަންސްއޭ ބުނެ މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަނަށް ބާރު ދިނުމުގެ މަސައްކަތް މަޖިލީހުން ފާސް ކުރަން މަސައްކަތް ކުރާތާ 50 ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް ބަދަހި ކޯލިޝަނެއް އޮވެގެން އެވަރު ކަމެއް ރައްޔިތުންނަށްޓަކައި ކޮށް ނުދެވޭކަމަށް ވިދާޅުވެފައެވެ.