އައްޑޫސިޓީގެ އެންމެ ބޮޑު އެއް ސްކޫލް ކަމަށްވާ ޝަރަފުއްދީން ސްކޫލް ހިންގުމަށް ، އައްޑޫހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް އާއި ޙަވާލުކޮށްފިއެވެ.
އެ ސްކޫލު ހިންގުން ނަދީމާ ޙަވާލުކޮށްފައިވަނީ ސްކޫލްގެ ޕްރިންސިޕަލް ޑރ އަޙްމަދު އަދީލް ނަސީރް އެ މަގާމުން ވަކިވެ ވަޑައިގަތުމުން ސްކޫލަށް އިތުރު ޕްރިންސިޕަލަކު ހަމަޖެއްސެވެންދެން ވަގުތީ ގޮތުންނެވެ. ޑރ އަދީލް މަގާމުން ވަކިވެވަޑައިގެންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާތީއެވެ.
ގާނޫނުގައި ބުނާ ގޮތުން މަޖިލިސް އިންތިޚާބަށް ކުރިމަތި ލައްވަވާ ހިސާބުން އެ ކެންޑިޑޭޓަކީ ސަރުކާރު މުއައްސަސާއެއްގެ ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ ފަރާތެއް ނަމަ އަދާކުރާ ވަޒީފާއަކުން ވަކިވާނެއެވެ.
ޑރ އަދީލް ނަސީރަކީ މީގެ ކުރިން ސިޔާސީ އިސް ސަފުގައި މަސައްކަތް ކުރައްވަވާފައިވާ ބޭފުޅެއް ނޫންނަމަވެސް ނިމިގެން ދިޔަ ސަރުކާރުގައި ސިޔާސީ ބައެއް ބައްދަލުވުންތަކުން ފެނިފައިވާ ބޭފުޅެކެވެ.