English Edition
Dhivehi Edition

ޗެލްސީއިން އެޓީމުގެ ސްޕެއިން ކީޕަރު ކެޕާ އަރިއްޒަބަލާގާ ދަނޑުން ފައިބަން ދެކޮޅު ހެދި މައްސަލައިގައި އޭނާގެ އެއް ހަފްތާގެ މުސާރަ އުނިކުރަން ނިންމައި އޭނާ އަށް އަދަބު ދީފި އެވެ.

މިިދިޔަ އޮގަސްޓް މަހު ދުނިޔޭގެ ރެކޯޑު ގޯލްކީޕަރެއްގެ ގޮތުގައި 71 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވި ކީޕަރަށް އެ ކްލަބުން ދިން އަދަބަކީ އިިނގިރޭސި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން ޗެލްސީ ބަލިވި މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓްގައި ކޯޗު މައުރީޒިއޯ ސާރީ ކެޕާ ބަދަލު ކުރަން އުޅުމުން ދަނޑުން ފައިބަން ދެކޮޅު ހެދި މައްސަލައިގައެވެ.

ކެޕާއަށް ޗެލްސީއިން މިއެޅި ފިޔަވަޅާއި އެކު އެތުލެޓިކް ބިލްބާއޯ ދޫކޮށް 80 މިލިއަން ޔޫރޯ އަށް ޗެލްސީ އާ މިދިޔަ އަހަރު ގުޅުނު ކެޕާ އަށް 190،000 ޕައުންޑް (3.8 މިލިއަން ރުފިޔާ) އުނި ކުރެވެނޭއެވެ.

މެޗު ޕެނަލްޓީއަށްދާން ކައިރިވެފައިވަނިކޮށް ކެޕާ ބާލުވަައި ބަދަލު ކީޕަރު ވިލީ ކަބަލޭރޯ އަރުވަން ސާރީ މަސައްކަތް ކުރީ ކެޕާ އަށް އަނިޔާވެ ފަރުވާދޭން ޖެހުމުންނެވެ. ކެޕާ ބޭލުމަށް މެޗުގެ އޮފިޝަލް، ބޯޑު ދެއްކުމުން އޭނާ ވަނީ ފާޅުގައި އެކަމަށް ދެކޮޅު ހަދައިފައެވެ. ޗެލްސީގެ ބެންޗުންނާއި ހާއްސަކޮށް އެސިސްޓެންޓް ކޯޗު ޖިއަންފްރަންކޯ ޒޯލާ މެދުވެރިވެގެންވެސް ކެޕާ ބާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ސާރީ ކެޕާގެ ދިފާއުގައި ވާހަކަދައްކާފައިވާއިރު ސާރީ ބުނީ” ކެޕާ ބަދަލުކުރަން އޮފިސަލް ބޯޑު ދެއްކުމުން އޭނާ ނުފައިބަން ވިސްނީ އޭނާ އަނިޔާގައި ހުރި ކަމަށް ހީކޮށް ބަދަލުކުރަން އުޅުމުން ކަމަށާއި މެޗަށް ފަހު އެކަން އެނގުނު” ކަމަށެވެ.

ސާރީ އިތުރަށް ބުނީ ކެޕާ އަށް އޭނާ ހެދުނީ ބޮޑު ގޯހެއްކަންކަބޫލުކޮށް އޭނާއާއި ކުޅުންތެރިން އަދި ކްލަބުގެ ކިބައިން އޭނަ މާފަށް އެދެފިކަމަށާއި ދެން އޮތީ ކްލަބުން އަމަލު ކުރާނެ ގޮތެއް ނިންމުން ކަމަށާއި އެނާ އާއި ކެޕާ ދެމެދު އެއްވެސް މައްސަލަެއް ނެތް ކަމަށެވެ.

ކެޕާ ޖުރީމައިނާ ކުރުމުން ނެރުނު ބަޔާނެތްގައި ކެޕާ ބުނީ ގޯލުގައި މަޑުކުރީ ސާރީގެ ނިންމުމަށް އިހުތިރާމް އަދާނުކުރުމުގެ ގޮތުން ނޫން ކަމަށާއި ޓީމު މޮޅުކޮށްދޭން ބޭނުންވެފައި ހުރުމުން ކަމަށާއި ކުލަބުން އެޅި ފިޔަވަޅަށް އިޙްތިރާމް ކުރާކަމަށެވެ.

“އަހަރެންނަށް މި ހުރިހާ ކަމެއް ކުރެވުނީމަ އެހެން އެންމެންނެކޭ އެއްގޮތަކަށް ސަޕޯޓަރުންގެ ކިބައިންވެސް މާފަށް އެދެން. އަހަރެންނަށް ކުރެވުނު ކަންތަކުން ފިލާވަޅު ލިބިގަންނާނަން. އަދި ކްލަބުން އަހަންނަށް ކޮންމެ އަދަބެއް ދިނަސް އަހަރެން އިހުތިރާމް ކުރާނަން” ކެޕާގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.