English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކުރުމަށްޓަކައި މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މާރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވި ކަމަށެވެ. އެކަން ނުވީ އެ ކޮމިޓީއަށް މިހާތަނަށް މުގައްރިރެއް ކަނޑަނޭޅިގެންކަމަށް ނިހާނު ވިދާޅުވިއެވެ. އަދި އެކަން ނުވުމުން، މާރިޔާ މަގާމުން ވަކިކުރުމުގެ މައްސަލަ، އިދިކޮޅު ކޯލިޝަންގެ މެމްބަރުން ސޮއިކުރައްވައި މަޖިލިހަށް މިއަދު ހުށަހަޅާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ، އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރު މާރިޔާ ދައްކާފައިވާ ވާހަކަފުޅުތަކާ ގުޅިގެން ކަމަށާއި އެފަދަ ވާހަކަތަކަކީ ޑިފެންސް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ ފަރާތަކުން ދައްކައިގެންވާނެ ވާހަކަތަކެއް ނޫން ކަމަށެވެ.

ރާއްޖޭގައިވެސް ރާއްޖޭން ބޭރުގައި ހުރެގެން ނަމަވެސް މިފަދަ ވާހަކައެއް ދެއްކުމަކީ ދިވެހިންގެ އިސްތިގުލާލާ، މިނިވަންކަމާއި، އަދި ދިވެހި ދައުލަތް ބަޔާންކުރާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ފުރަތަމަ ބާބާއިވެސް ހިލާފު އަމަލެއް ކަމަށްވެސް ނިހާނު ވިދާޅުވިއެވެ. އަދި އެމައްސަލާގައި މިނިސްޓަރު މާރިޔާ ޖަވާބުދާރީ ކުރުވުމަކީ ޒިންމާއެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ އިންޑިއާއަކީ ވަރުގަދަ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި އިންޑިއާ ބޭނުން ކޮންމެ ވަގުތެއްގައި ރާއްޖެ ހިފިދާނެ ކަމަށް އެކަމަނާ ވިދާޅުވުމާ ގުޅިގެން ކަމަށް މީގެކުރިން ޕީޕީއެމާއި ކޮންގްރެސް ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބުނެފައިވަނީ، އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގެ މަފްހޫމް ޕީޕީއެމް، ޕީއެންސީން އުޅެނީ އޮޅުވާލައިގެން ކަމަށެވެ.