English Edition
Dhivehi Edition

އިންޑިއާގައި ހިފެހެއްޓި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް ޢަބްދުއްޞަމަދު (ސަމަދުބެ)އަށް ޖޯކު ޖައްސަވައި ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވި މާރިޔާ އަޙްމަދު ދީދީގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 8 މެމްބަރުން ނެވެ. ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވި އެވެ.

މެމްބަރު ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ދިވެހި ދަރިޔަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކުޖައްސަވާ، މަލާމާތް ކުރައްވާފައިވާ ކަމަށެވެ. އަދި މާރިޔާ ދެއްކެވި ވާހަކަތަކަށް މާފަށް އެދުމަށާއި އަދި މާރިޔާ ދެއްކެވި ވާހަކަތަކާ ގުޅިހެން ސަރުކާރުން ފިޔަވަޅު އެޅުމަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.

މެމްބަރު ވިދާޅުވީ ސަމަދުބެއަކީ ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާ، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ދިވެހި ދަރިޔަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވީ ދަށު ދަރަޖައިގެ ބަސްމަގެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ކާނިވަލުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ކުރިން އަސްކަރިއްޔާގައި އުޅުނު މީހަކަށް ވެ ހުރެ، ޕީޕީއެމްގެ އެކްޓިވިސްޓް ޢަބްދުއްޞަމަދު އިންޑިއާ އިމިގްރޭޝަންގައި ހިފެހެއްޓުމުން އޭނާގެ ފަރާތުން ފެނުނު ކަންކަމަށް ފާޑު ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމް އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.