English Edition
Dhivehi Edition
މާރިޔާ

ރަށްރަށަށް ދިއުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒަލުކުރަން އެދެމުން އަންނަކަމަށް އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެ މާރިޔާ ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށްޓަކައި، އެމްޑީޕީން މަޖިލިސް މެޖޯރިޓީ ނަގަން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު އަޒުލުކުރުމުގެ މައްސަލައިގައި އިތުރު ތަފްސީލު ދެއްވަމުން މާރިޔާ ވިދާޅުވީ, ވެރިއަކު ހޮވަނީ ފަސް އަހަރަށްކަމަށާއި, ފަސް އަހަރު ވެރިކަން އޮންނަންޖެހޭނެކަމަށް ބައެއް މީހުން ބުނަމުން އަނަކަމަށެވެ. އަދި މަގުމަތިން ވެރިކަން ވައްޓާލުމަކީ އެމްޑީޕީން ވެސް ގަބޫލުކުރާ އުސޫލެއް ނޫންކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ, މަގުމަތިން ވެރިކަން ވައްޓާނުލި ނަމަވެސް, ރައްޔިތުންނަށް ވެރިއަކު ކަމުނުގޮސްފިނަމަ ގާނޫނީ ގޮތުން ވެރިކަމުން ވަކިކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް އަޒުލު ކުރުމުގެ ގާނޫނު މަޖިލީހުން ފާސް ކުރުމުން، ކޮންމެ ރައީސްއަކު ވެސް ވަކިކުރެވޭނެކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ތިންބައިކުޅަ އެއްބައި ހޯދަން ޖެހޭކަމަށެވެ. އަދި ރައީސް މުއިއްޒު އަޒުލުކުރަންޖެހޭކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ އެދުމެއްކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރަން އެމްޑީޕީން މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައިވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެ މައްސަލަ ކުރިއަކަށްނުދެއެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނެފައިވަނީ މި ދައުރުގައިވެސް ރައީސް މުއިއްޒު އަޒުލުކުރަން ހުށަހަޅާނެކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހަޅާނީ އެންމެ އެކާށީގެންވާ ވަގުތުގައިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީން މަސައްކަތް ފާށާފައިވާއިރު, އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ވެސް ގެނެސްފައެވެ. އެ އިސްލާހުގައި ވަނީ މަޖިލީހުގައި ވޯޓުލާއިރު މަޖިލީހުން ވަކިވި މެންބަރުން ނުހިމަނާ މަޖިލީހުގައި ވޯޓުތަކުގެ ނަތީޖާ ގުނުމަށެވެ. އެ އިސްލާހު ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހު ގޯސްކަމަށެވެ.

ނަމަވެސް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހައި, މަޖިލީހުގައި ވޯޓުގެ ނަތީޖާ ގުނާނީ މަޖިލީހުން ވަކިވި މެންބަރުން ނުހިމަނާކަމަށް ކަނޑައަޅާފައެވެ.