ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް މިހެން ވިދާޅުވީ، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ވިދާޅުވެފައިވަނީ “ޕްރޮގްރެސިވް ކޮންގްރެސް” ކޯލިޝަން ގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅުމައި ޕާޓީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިއްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ، ޕިޕީއެމް އާއި ކޮންގްރެސް ޕާޓީގެ ފަރާތުން މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށެވެ.
މިވާހަކަތަކާ ގުޅުވައިގެން ފާރިސް މައުމޫން ވިދާޅުވީ، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުބާރުނެތްކަމުެގ ވޯޓު ނަގަން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުގައި ނަގާ ވޯޓުތައް ކާމިޔާބުވިއަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓަށް ފާރިސްގެ ފަރާތްޕުޅުން ފުރިހަމަ އިތުބާރާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ އިތުރަށް، ޕީއެންސީން ވަނީ، މިދިޔަ މަހުގެ ތެރޭގައި މިނިސްޓަރ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް މަޖިލީހަށް ހުށަހަޅާފަ އެވެ.