English Edition
Dhivehi Edition
ޑިފެންސް މިނިސްޓަރ މާރިޔާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ހަފުލާގައި - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.

ރޭ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ. ކައްދޫގައި ބޭއްވި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ، ޑިފެންސް މިނިސްޓަރ، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

އެ ޙަފްލާގައި މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އަހަރީ ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް އިއްޔެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް، އެ އޭރިއާއަށް ވަޑައިގެންނެވުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒްއިން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެ އޭރިއާގެ އޮފިސަރުންނާއި ސިފައިންނެވެ. އަދި، ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރޒްއަށް ވަޑައިގެން ޑިފެންސް މިނިސްޓަރ ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އެ ޙަފްލާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން، ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ސިފައިންނަށާއި، އެކި ގޮތްގޮތުން އޭރިއާއަށް ރީތި ނަން ހޯދާފައިވާ ސިފައިންނަށް، މި ހަފުލާގައި ވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ އާންމު މުވައްޒަފުންގެ ތެރެއިން އޭރިއާގައި 25 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފުލާގައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެ ހަފުލާގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެމްއެންޑީއެފްގެ ބައެއް ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ލ.އަތޮޅުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުންވެސް ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޚިދުމަތް ފަށާފައިވަނީ 1993 ނޮވެމްބަރ 25 ވަނަ ދުވަހު، “ރީޖަނަލް ހެޑްކްއޯޓަރޒް – ލ.ކައްދޫ” ގެ ނަމުގައެވެ.