އިނގިރޭސި ލީގް ކަޕްގެ ފައިނަލްގައި ރޭ ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި ފޯރިގަދަ ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން މެންޗެސްޓަރ ސިޓީ މުބާރާތުގެ ޗެމްޕއަންކަން ހޯދައިފިއެވެ.
އެންމެ ފަހުގެ މިމުބާރާތުގެ ޗެމްޕިއަން ސިޓީއިން މިމުބާރާތުގެ ތަށި ދިފާއު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ޖެހި ޕެނެލްޓީގައި 4-3 ލަނޑުން ޗެލްސީ ބަލިކޮށްގެންނެވެ.
މިދިޔަ ހަފްތާގައި ސިޓީ އަތުން 6-0 ލަނޑުން ބަލިވި ޗެލްސީއިން ވަނީ ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިިވާއިރު ރޭގެ މެޗުގައި ސިޓީ އަށް ނަތީޖާ ނެރެން ޖެހިފައިވަނީ ރޭގެ މެޗުގެ ފުރިހަމަ ވަގުތު ކުޅެ ނިމުނު އިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން އިތުރުން ފަނަރަ މިނެޓްގެ ދެހާފް ކުޅެ ނިމުނު އިރުވެސް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ރޭގެ މި މެޗުގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ބާލަން އުޅުމުން އޭނާ އެކަމަށް ދެކޮޅު ހަދައި އެކަން ވިޔަނުދިނުމެވެ.
އިތުރު ވަގުތުގެ ފަހުކޮޅު ކެޕާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ފަރުވާ ހޯދުމާ އެކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ މަސައްކަތްކުރީ އޭނާ ބާލައި، ކުރިން ސިޓީ އަށް ކުޅެ 2016 ގެ ލީގު ކަޕް ފައިނަލުގައި ލިވަޕޫލުގެ ތިން ޕެނަލްޓީ މަތަކުރި ވިލީ ކަބަލޭރޯ އަރުވާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސިޓީއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު ޗެލްސީ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. ސިޓީން އިލްކާއީ ގުންޑޮގަން އާއި ސާޖިއޯ އަގުއޭރޯ އިތުރުން ބާނާޑޯ ސިލްވާ އާއި ރަހީމް ސްޓާލިންގް ޖެހި ޕެނަލްޓީ ގޯލަށް ވައްދާލިއިރު ލިރޮއީ ސާނޭ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރު އަރިޒަބަލަގަ ވަނީ މަތަކޮށްފައެވެ. ޗެލްސީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ގޯލަށް ވައްދާލެވުނީ ސެސާ އަޒްޕިލިކްއެޓާ، އެމަސަން އަދި އެޑެން ހަޒާޑް ޖެހި ޕެނަލްޓީ އެވެ. ޗެލްސީން ދެން ޕެނަލްޓީ ޖެހި ދެ ކުޅުންތެރިންގެ ތެރެއިން ޑޭވިޑް ލުއިޒް ޖެހި ޕެނަލްޓީ ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތްއިރު އެޓީމްގެ ޖޮޖީނިއޯ ޖެހި ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.
މިއީ އިނގިރޭސި ލީގް ކަޕް މެންޗެސްޓަރ ސިޓީން ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ އަށް ފަހަރު ތަށި ހޯދައިގެން ލިވަޕޫލެވެ.
ރޭގެ މި ކާމިޔާބީއާއި އެކު ސިޓީގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އެތް ސީޒަނެއްގައި ތިން ތަށި ހޯދި އިނގިރޭސި ފުރަތަމަ ކުލަބްގެ ޝަރަފް ހޯދާށެވެ.