English Edition
Dhivehi Edition

ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް ރާއްޖޭގެ ސްކޫލްތަކުގައި ފެން ފިލްޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފެންއަޅާ ފުޅި ދިން ނަމަވެސް އެ ފުޅިތަކަށް ފެން އެޅުމަށް ޕްލާސްޓިކް ފުޅި ގަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޔުނިސެފުގެ އެހީއާއެކު ސްކޫލުތަކުގައި ކުރިއަށްގެންދާ މި މަޝްރޫޢާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ 213 ސްކޫލަކަށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ނުވެއްދޭ ގޮތަށް ހަމަޖައްސަވާފައިއެވެ. މިނިސްޓަރ ވަނީ މިކަން ފާހަނގަ ކުރައްވާ މިކަމަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.