އިންތިހާބަށް އިއުލާނު ކުރާ ހިސާބުން ފެށިގެން ދާއިމީ ނަތީޖާ އިއުލާނު ކުރުމާއި ހަމައަށް ކެނޑިޑޭޓަކު ވަކި ކަމެއް ކޮށްދޭން ބުނުމަކީ ރިޝްވަތުގެ އަމެލެއް ކަމަށް މިހާރު ގާނޫނު އޮންނަ ގޮތުން ބެލެވޭނެކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
މިއަދު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ވަކި ބަޔަކަށް ފައިދާ ވާގޮތަށް ކަންތައްތަކެއް ކޮށްދޭނަމޭ ބުނުމަކީ ރިޝްވަތުގެ އަމަލެއް ކަމަށެވެ. އަދި ވަކި ރަށެށްގެ، ވަކި ޖަމާއަތެއްގެ ބަޔަކަށް ވަކި ކަމެއް ކޮށްދޭނަމޭ ބުނުމަކީ މިހާރުގެ ގާނޫނު އޮންނަ ގޮތުން ރިޝަވަތް ދިނުން ނުވަތަ ރިޝްވަތް ދޭން އުޅޭކަމަށް ބެލެވޭނެކަމަށް ހަބީބްވަނީ ވިދާޅުވިއެވެ. މީގެ އިތުރުން ހަބީބް ވިދާޅުވީ ވަކި މީހަކަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ވާނެ އެއްވެސް ކަމެއް ކޮށްދޭނަމޭ ބުނުމަކީ އެއީ ހަމަ ކަނޑައެޅިގެން އިންތިހާބާ ބެހޭ ގާނޫނު އޮންނަ ގޮތުން މަނާ ކަމެއް ކަމަށެވެ.
މި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކެންޑިޑޭޓުން އަމަލުކުރާނެ ވަކި ހާއްސަ ސުލޫކީ މިންގަނޑުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އަދި ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރާ ކަމެއްގެ ސަބަބުން ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަންކަންވެސް ގަނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް މުއައްވިޒު ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ މަޖިލީސް އިންތިހާބުގައި 395 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.