ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ރޭ ސޮއިކުރައްވައިފިއެވެ. އެމްއާރްއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފައެވެ. އެގޮތުން އިލެކްޝަނުން މި ހުއްދަ ދިނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެމްއާރްއެމް އަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެޕާޓީން މިހާރު ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކުރަމުންނެވެ. ރައީސް މައުމޫނަކީ މިހާރު މިއޮތް ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ. އަދި މި ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު ވެސް މެއެވެ.
ޕީޕީއެމްއަކީ ރައީސް މައުމޫނުގެ ޕާޓީއަކަށް ވީނަމަވެސް އެ ޕާޓީ ލިބޭނެކަމުގެ އެއްވެސް އަލިމަގެއް ނުފެނުމުން އާ ޕާޓީއެއް އުފެއްދުމަށް މައުމޫން ނިންމެވީއެވެ. ޕީޕީއެމްގެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވީ ރައީސް މައުމޫންގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިންވަނަ ޕާޓީއަށް ވީއިރު، މީގެކުރިން މައުމޫން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕީއެމް އުފައްދަވާފައެވެ.