English Edition
Dhivehi Edition

އައްޑޫއޮންލައިން 2 ވަނަ މަދަޙަ މުބާރާތުގެ ފަޚުރުވެރި 1 ވަނަ އާއެކު ސ.ހުޅުދޫ މައްސާގުގޭ އައިހަމް ޝަރީފަށް ދަނީ އެންމެންގެ ތާރީފް އޮހެމުންނެވެ. މުބާރާތުގެ ތެރޭގައިވެސް އައިހަމް މަދަޙަ ހުށަހަޅައިދިން ގޮތުން އެއީ މިފަހަރުގެ އެއްވަނަ އަށް ވާނެ ކަމާމެދު ގިނަ ބަޔަކު އެއްބަސްވިއެވެ. އައިހަމްގެ ހުށަހެޅުން އެހާވެސް ފުރިހަމައެވެ. އެ ފަންނުގައި އައިހަމަކީ ހަމަ ހުނަރުވެރިއެކެވެ.
ސ.ފޭދޫ ލަވްސައިޑް އައިޝަތު ޙުސެއިން އާއި ހުޅުދޫ މައްސާގުގޭ އިބްރާހިމް ޝަރީފްގެ ހަމައެކަނި ދަރިފުޅު އައިހަމަކީ ތައުލީމީ ރޮނގުގައްޔާއި އަދި އެހެނިހެން ރޮނގުރޮނގުންވެސް މައިންބަފައިން ފަޚުރުވެރިވާފަދަ ކާމިޔާބު ކުއްޖެކެވެ. ސ.އަތޮޅު މަދުރަސާގެ ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުންދާ އައިހަމް އަކީ އޭނާ ކިޔެވި ކޮންމެ ސްކޫލެއްގައި ވިދާލާ ތަރިއެކެވެ. ކިޔެވުމުގައްޔާއި ކުޅިވަރުގައިވެސް މެއެވެ. ސްކޫލުގައި ބާއްވާ އެކިއެކި މުބާރާތްތަކުގައިވެސް އައިހަމަކީ ހަމަ އެއްވަނައެވެ.
“އަހަރެން ބައިވެރި ނުވާ އެއްވެސް ކަމެއް ސްކޫލުގައި ކުރިއަށް ނުދާނެ. ހުރިހާ ކަމެއްގައިވެސް ބައިވެރިވާން އަބަދުވެސް ބޭނުންވޭ” ހުޅުދޫ ސްކޫލް ނިންމާލިއިރު އެސްކޫލުގެ ކެޕްޓަންކަމުގެ މަގާމުވެސް އަދާކޮށްފައިވާ އައިހަމް ކިޔައިދިނެވެ.އައިހަމް 2
ބައިވެރިވާ ކޮންމެ މުބާރާތަކުން ވަނަ ހޯދަމުން އަންނަ އައިހަމްގެ އެންމެ ފަޚުރުވެރި ކާމިޔާބީއަކީ އައްޑޫއޮންލައިން 2 ވަނަ މަދަޙަ މުބާރާތުގައި މުޅިމުބާރާތުން ހޯދި އެއްވަނައެވެ. މިވަނަ އާއެކު އައިހަމަށް ވަނީ މާވީ އިންވެސްޓްމެންޓްގެ ފަރާތުން ޢުމްރާ ދަތުރަކާއި އައްޑޫވިމެންސް އެސޯސިއޭޝަނުން ހުށަހެޅުއްވި ދުބާއީ ސްޓަޑީ ޓުއާރ ވެސް ލިބިފައެވެ. މީގެ އިތުރުންވެސް ފައިސާގެ އިނާމާއި އެހެނިހެން ފަރާތްތަކުން ހުށަހެޅުއްވި ގިނަ އިނާމްތަކެއް އައިހަމަށް ވަނީ ލިބިފައެވެ.
“މިހާރު އަހަރެން ވަރަށް މަޝްހޫރުވެއްޖެ. ފިހާރައަކަށް ތަނަކަށް ދިޔަޔަސް ކޮންމެ ތަނަކުން މީހުން އައިސް މަރުޙަބާ ކިޔަނީ” އުފަލުން އިނދެ އައިހަމް ކިޔައިދިނެވެ.
އައްޑުއޮންލައިން މަދަޙަ މުބާރާތުގައި އައިހަމް ބައިވެރިވީ ސްކޫލުގެ މުދައްރިސެއްގެ އެދުމުގެ މަތިންނެވެ.
“ފަޒީނާ މިސް ބުނުއްވީ މުބާރާތް އޮތްވާހަކައާއި މުބާރާތުގައި ބައިވެރިވުމަށް. ދެން އެދުވަހު ގެއަށް އައިސް މަންމަ ގާތު ބުނެގެން މައުލޫމާތު އޮޅުންފިލުވީ. އޭރުވެސް ހިއްޔެއް ނުކުރަން މުޅި މުބާރާތުން އެއްވަނަ ލިބޭނީ އައިހަމް އަށް ކަމަށް. އެނގޭ ވަނަ އެއް ލިބޭނެކަން. އެކަމަކު މިހާފުރިހަމަ ކާމިޔާބީއަކަށް އުއްމީދެއް ނުވެސް ކުރަން”އައިހަމް

މަދަޙަ ކިޔުމަކީ ކުޑައިރުއްސުރެންވެސް ޚާއްޞަ ޝައުގުވެރިކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. ޕްރީސްކޫލް އުމުރުގައި މަދަޙަ މުބާރާތަކުން އެންމެ ފުރަތަމަ ހޯދި ކާމިޔާބީ އާއެކު އައްޑޫސިޓީގައި ކުރިއަށް ގެންދާ މިފަދަ މުބާރާތްތަކުގައި ބައިވެރިވެ އައިހަމް ދަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
އައިހަމްގެ މަދަޙަ ހުށަހެޅުން ފެނި އޭނާގެ މަދަޙަ ހިމެނޭ ސީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ކަމަށް އެއްފަހަރަކު މާލެއިންއައި ކަމުގެ ފުންނާބު އުސްބޭފުޅަކު ވިދާޅުވިކަމަށް އައިހަމްގެ މަންމަ ބުންޏެވެ.
އައިހަމްގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ މަންމަ ކަމަށް ބުނަމުން އައިހަމް ބުނީ ކޮންމެ މުބާރާތަކަށް ތައްޔާރުވުމުގައި މަންމަގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށެވެ. އެގޮތުން އައިހަމް އަށް ވުރެ ކުރިން މަދަޙަ ކިޔަންޖެހޭ ރަނގަޅުގޮތް މަންމަ ދަސްކުރެއެވެ. އަދި މުބާރާތަށް ތައްޔާރުކޮށް ދިނުމުގައި އުސްތާޛެއްގެ ރޯލު އަދާކުރަނީވެސް އައިހަމްގެ މަންމައެވެ.
މުސްތަގުބަލުގައިވެސް މި ފަންނުގައި ކުރިއަށް ދާން ބޭނުންވާ އައިހަމް މިވަގުތު އެންމެ އިންތިޒާރުކުރަނީ އޭނައަށް އިނާމެއްގެ ގޮތުން ލިބިފައިވާ ޢުމްރާ ދަތުރާއި ސްޓަޑީ ޓުއާރ އަށް ދެވޭނެ ދުވަހަކަށެވެ.
“މިހުރިހާ ކަމަކަށްޓަކައި ހެއްދެވި ފަރާތަށް ވަރަށް ބޮޑަށް ޝުކުރުކުރަން. އަދި އައްޑޫއޮންލައިނުން ހޯދައިދިން މިފުރުސަތަށް ޝުކުރުކުރަން” އައިހަމް ކިޔައިދިނެވެ.