ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރާޖްނާތަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ދިފާޢީ ވަޒީރު އުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.
ތިން ދުވަހުގެ މުއްދަތަށް ސިންގް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އިތުރަށް ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ .ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެގައުމުން ރާއްޖެއަށް ހަދިޔާކުރާ އުޅަނދެކެވެ. އަދި އުތުރުތިލަފަޅުގައި ގާއިމްކުރާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބަނދަރާއި ޑޮކްޔާޑުގެ މަޝްރޫއު އިފްތިތާހް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެމްއެންޑީއެފް އަށް ލޭންޑިންގ ކްރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ހަދިޔާކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ އަށް ކުރައްވާ ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގެ އިތުރުން ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީއާއި ބައްދަލުކުރައްވާނެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންފައިވާއިރު ޑިފެންސް ސެކެރެޓަރީ ގްރިދާރް އަރްމަން ވެސް ވަނީ މިދިޔަ މަހު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.