ފްރެންޗް ލީގުގައި ރޭ ސެއިންޓް އެޓިއޭން އާއި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ވާދަކުރި މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ހަމަ އެކަނި ލަނޑުން މޮޅުވެ ޕީއެސްޖީ ޓޭބަލްގެ އެއްވަނާގައި ބޮޑު ލީޑެއް ނަގައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވެސް ރަށުން ބޭރުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް 2-0 ލަނޑުން ބަލި ކުރި ޕީއެސްޖީ ރޭގެ މެޗު ކާމިޔާބުކޮށްފައިވަނީ 0-1 އިންނެވެ.
ރޭގެ މޮޅާއެކު ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ޕީއެސްޖީ 62 ޕޮއިންޓް ހޯދާފައިވާއިރު ދެ މެޗު އިތުރަށް ކުޅެގެން 50 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ ލިލް އެވެ.
ރޭގެ މެޗްގައި ޕީއެސްޖީ އިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 73 ވަނަ މިނެޓްގައި ކިލިއެން އެމްބާޕޭ އެވެ. މިއީ އެމްބާޕޭ މި ސީޒަންގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިން 19 ވަނަ ލަނޑެވެ. އެމްބާޕޭ ވަނީ އެންމެ ފަހުން މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އިން ކުޅުނު މެޗްގައިވެސް ގޯލް ޖަހައިފައެވެ
ފްރެންޗް ލީގުގައި ލިލް ރޭ އަމިއްލަ ރަށުގައި ޓޭބަލްގެ ހަ ވަނައިގައި އޮތް މޮންޓްޕިއޭ އާ ވާދަކޮށް ކުޅުނު މެޗް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.