އިނގިރޭސި އެފްއޭ ކަޕްގައި ރޭ ރަށުން ބޭރުގައި ނިއުޕޯޓް ކައުންޓީ ބަލިކޮށް މެންޗެސްޓަރ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެފްއޭ ކަޕްގައި މިދެޓީމް ކުޅުނު މިމެޗު އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ނިއުޕޯޓް ކައުންޓީ މައްޗަށް މެންޗެސްޓަރ ސިޓީ ކުރިހޯދާފައިވަނީ 4-1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
ނިއުޕޯޓްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވިނަމަވެސް ދެވަނަ ހާފްގައި އެންމެ ފަހުގެ ޕްރިމައަ ލީގުގެ ޗެމްޕިއަން އަދި މިސީޒަންގައި ހުރިހާ މުބާރާތެއްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން ގެންދާ މެންޗެސްޓަރ ސިޓީއިން ވަނީ މޮޅު ކުޅުމެއްދައްކައި ދެވަނަ ހާފްގައި ކާމިޔާބު ކުރި ހަތަރު ލަނޑުން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފް ފަށައިގެން ހަވަނަ މިނިޓް ތެރޭ ސިޓީ އަށް ލީޑުނަަގައިދިނީ ޖަރުމަނުގެ ވިންގް ލެރޯއީ ސާނޭ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި އިންގްލެންޑްގެ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑެންގެ ގޯލުން ސިޓީން ލީޑުފުޅާކުރި އެވެ.އެހެން ނަަމަވެސް މެޗުގެ 88 ވަނަ މިނިޓްގައި ސިޓީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ނިއުޕޯޓްގެ ޕަޑްރައިގް އޭމަންޑް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ފޯޑެއް ވަނީ އިތުރު ލަނޑެއް ޖަހައި ސިޓީ އަށް އަލުން ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ފަހަކަށް އައިސް ޓީމުން ފުރުސަތު ނުލިބިހުރި އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ.
އެފްއޭ ކަޕްގެ އެހެން މެޗުތަކަށް ބަލާއިރު ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި 1-0 އިން ކިއުޕީއާރު ބަލިކޮށް ވެޓްފޯޑް ވަނީ ކުއާޓާއިން ފުރުސަތު ހޯދައިފައެވެ. ރޭ ކުޅުނު މެޗުތަކުން މޮޅުވެ ކުއާޓާގެ ފުރުސަތު ހޯދީ ބްރައިޓަން އާއި މިލްވޯލް އެވެ. ބްރައިޓަން އަމިއްދަ ދަނޑުގައި 2-1 އިން ޑާބީ ކައުންޓީ ބަލިކުރި އިރު މިލްވޯލް ވަނީ ރަށުން ބޭރުގައި 1-0 އިން އޭއެފްސީ ވިމްބަލްޑަން ބަލިކޮށްފައެވެ.