އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏަކީ ނިމިދިޔަ 2018 ވަނަ އަހަރު ކުރެވުނު އެންމެ ވަރުގަދަ އެއް ކައިވެންޏެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި އޭނާއަށްވުރެ 10 އަހަރު ކުޑަ ނިކްގެ ކައިވެންޏާއެކު އެ ދެމީހުންވަނީ ލޯބިވާނަމަ އުމުރަކީ މާ މުހިއްމު އެއްޗެއް ނޫންކަން ސާބިތުކޮށްދީފައެވެ.
އެ ދެތަރިންގެ ލޯބީގެ ގުޅުން ފެށުނު ދުވަހުން ފެށިގެން އެ ދެމީހުންގެ ދިރިއުޅުމުގައި ހިނގާ ގިނަ ކަންތައްތަކަށް ނޫސްވެރިންގެ ސަމާލުކަންވަނީ ހުއްޓިފައެވެ. މި ގޮތުން ނިއުޔޯކް ފެޝަންވީކްގައި ޕްރިޔާންކާ ލާފައިވާ ހެދުމުގެ ސަބަބުން އޭނާ ބަނޑުބޮޑު ކަމުގައި ބުނެ ގިނަ މީޑިއާތަކުންވަނީ އެ ވާހަކަ ދައްކާފައެވެ. މީޑިއާގެ މި ވާހަކަތަކަށް ޕްރިޔަންކާގެ ފަރާތުން އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު ބައެއް ފަރާތްތަކުން ބުނަމުންދަނީ އޭނާ ބަނޑުބޮޑު ވާހަކަ ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެކަމަށެވެ.
މީގެ ކުރިން ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި ކުއްޖަކު ބޭނުންވާކަމަށާއި ވަގުތު ޖެހުމުން އެކަމާއި މެދު ވިސްނާނެކަމުގައި ބުނެފައެވެ. ޕްރިޔަންކާގެ ވަރަށް ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޕްރިޔަންކާގެ ހުވަފެނީ ކައިވެނި 2018 ގައި ކުރެވިފައިވާ ކަމަށާއި 2019 ގައި މަންމައަކަށްވުމުގެ އުފާވެރި އިހްސާސް ޕްރިޔަންކާވެސް ކުރާނެ ކަމަށެވެ
ޕްރިޔަންކާ އޭނާގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ މީޑިއާގައި ދައްކަމުންދާ ވާހަކަތަކުގެ މާ ބޮޑު ހަގީގަތެއް އަދި އެގިފައިނުވާއިރު އެ ދެތަރިން ކައިވެނި ކުރުމުގެ ކުރިންވެސް ޕްރިޔަންކާ ބަނޑުބޮޑުކަމަށް ބުނެ މީޑިއާގައިވަނީ ވާހަކަ ފަތުރާފައެވެ. އޭރު އެ ވާހަކަ ދެކެވުނީ ނިކް އާއި ޕްރިޔަންކާ އެކުގައި ބައިވެރިވި ޔީއެސް އޯޕެން ފެށުމުގެ ގޮތުން ބޭއްވި އެއިވެންޓްގެ ވީޑިއޯ އަކުން ފެންނަ ގޮތުން ޕްރިޔަންކާގެ ބަނޑު ކޮންމެވެސް ވަރަކަށް ބޮޑުވެފައިވުމުންނެވެ. އެހެންކަމުން މިފަހަރުވެސް މީ އެ ފަދަ ވާހަކައަކަށްވެދާނެ ކަމަށާއި ޕްރިޔަންކާގެ ބަހަކަށް އިންތިޒާރުކުރާކަމަށް އޭނާއަށް ތާއިދުކުރާ ފަރާތްތަކުންވަނީ ބުނެފައެވެ