އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ފޭދޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އޭއޯނިއުސް އިން އިޝްތިހާރު ކުރާނެ ކެންޑިޑޭޓަކަށް އިބްރާހިމް ދީދީ (އައިބީ) ހަމަޖައްސައިފިއެވެ.
މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ޕްރޮމޯޓް ކޮށް ދިނުމަށް އޭއޯ ނިއުސް އިން ފުރުސަތު ހުޅުވާލާ ކޮންމެ ދާއިރާއަކުން އެއް ކެންޑިޑޭޓަކަށް ފުރުސަތު ދޭ ގޮތަށް ވަނީ ނިންމާފައެވެ.
ފޭދޫ ދާއިރާއިން އަމިއްލަ ގޮތުން މަޖިލިހަށް ކުރިމަތި ލައްވަވާ އައިބީ އަކީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަވާ ދާއިރާއަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކޮށްދެއްވަވާފައިވާ ބޭފުޅެކެވެ. މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ލިބިގެންނެވި ނަމަވެސް އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި އައިބީ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުވެސް ހުށަހަޅުއްވަވާފައެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އައިބީ ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައްވަން ނިންމެވީ ކޯލިޝަން ސަރުކާރެއްގައި ގިނަ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ހުރިހާ ފިކުރަކާ އެކު މަސައްކަތް ކުރެއްވޭނީ އަމިއްލަ ގޮތުން މަޖިލީހަށްދެވިގެން ކަމަށް އައިބީ ވިދާޅުވިއެވެ.
އަމިއްލަ ގޮތުން ކުރިމަތިލައްވަނީ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ އިސް ވެރިންނާ ވެސް މަޝްވަރާކުރެއްވުމަށް ފަހުގައި ކަަމަށާއި ޕީޕީއެމްގެ ޓިކެޓުގައި ފޭދޫ ދާއިރާއަށް އިތުރު މީހަކު ނުނިކުންނާނެ ކަމަށް އައިބީ ވިދާޅުވި އެވެ.
އައިބީ ވަނީ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދޮރުން ދޮރަށް ކެމްޕޭނު ކުރައްވަން ވެސް ފައްޓަވާފައެވެ.