އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓު 3 އަހަރު ވަންދެން ހާމަނުކޮށް ބޭއްވީތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަހުމޫދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ތިން އަހަރު ވަންދެން ރިޕޯޓު އާންމުނުކޮށް ބޭއްވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާާނާތުގެ ތަހުގީގު ރިޕޯޓު އޭސީސީން އާންމުކުރި ކުރުމަކީ ރަގަޅު ކަމެއް ކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ތަހުގީގު ނިންމައި ތިން އަހަރު ވަންދެން ރިޕޯޓު އާންމުނުކޮށް ބޭއްވި ސަބަބާމެދު ރައީސް ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތަހުގީގު ރިޕޯޓު އޭސީސީ އިން އާންމު ކޮށްފައިވަނީ އިއްޔެގައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މި ސަރުކާރުގެ ބައެއް ފަރާތްތަކުގެ އެކައުންޓަށްވެސް ހިޔާނާތުގެ ފައިސާ ވަނީ ވަދެފައެވެ. މި ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށާއި ކުށްވެރި ނުވާ މީގުންވެސް ހާމަކޮށްދިނުމަށް ރައީސް ވަނީ އޭސީސީ އަށް ގޮވާލައްވައިފައެވެ. އަދި ކުށްވެރިނުވާ ބަޔަކު އޭގައި ހިމެނޭނަމަ އެބައެއްގެ ކުށެއްނެތްކަން ކަނޑައަޅައިދިނުމަށް ވެސް ގޮވާލެއްވިއެވެ. ރައީސް ވިދާޅުވީ އެގޮތަށް ކަން ނުކޮށްފިނަމަ އަނެއްކާވެސް ގައުމު އިތުރު މައްސަލަތަކެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރެންސް ކަމަށް މިރޭ ވެސް ރައީސް ވަނީ ވިދާޅުވިއެވެ.