ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ޓޮޓެންހަމް ކުއާޓާފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗު ޓޮޓެންހަމް ކާމިޔާބުކުރީ ކާމިޔާބުކުރީ 0-3 ލަނޑުންނެވެ.
ޖަރުމަން ބުންޑަސް ލީގާގެ އެއް ވަނައިގައި އޮތް ޑޯޓްމަންޑާއި ދެކޮޅަށް ރޭގައި ކުޅުނު މިމެޗުގައި ޓޮޓެންހަމްގެ މުހިންމު ކުޅުންތެރިންތަކަށް އަނިޔާގެ ސަބަބުން ކުޅެވޭ ގޮތް ނުވެފައިވީ ނަމަވެސް އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި މޮޅު ކުޅުމެއް ދައްކައި ޑޯޓްމަންޑް ހައިރާން ކުރުވާފައެވެ.
ރޭގެ މެޗްގައި ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް މެޗުގައި ލަނޑެއް ކާމިޔާބުކުރެވިފައި ނުވިނަމަވެސް ޓޮޓެންހަމް އިން ވަނީ ދެވަނަ ހާފްގައި ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށް މެޗުގައި 3 ލަނޑު ކާމިޔާބުކޮށްފައެވެ.
މިގޮތުން ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ފޯވާޑް ސޮން ހެއުން މިން ކާމިޔާބުކޮށްދިންއިރު އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ވާޓޮގެން އެވެ.އަދި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ލިބުނު ކޯނަރެއް ކްރިސްޓިއަން އެރިކްސަން ނަގައިދިން ވަގުތު ބޮލުން ޖަހައި ގޯލަށް ފޮނުވާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެނާންޑޯ ލޮރެންޓޭ އެވެ.
މި މޮޅާއެކު ޑޯޓްމަންޑުގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރު ކޮށްގެން ނޫނީ 2-0 ލަނޑުން މެޗުން ބަލިވި ނަމަވެސް ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ކުއާޓާއަށް ދިއުމުގެ ފުރުސަތު ޓޮޓެންހަމަށް ވަނީ ވަރަށް ބޮޑުވެފައެވެ.