އެހެންމީހަކަށް ބަރޯސާނުވެ ތިމާގެ އަމިއްލަ ދިރިއުޅުން ތިމާއަށް ކޮންޓްރޯލް ކުރެވޭ ފަދަ މީހަކަށް ވުމަށްވުރެ ލިބޭނެ ވަކި ބޮޑު އުފަލެއް ނޯންނާނެކަން ގައިމެވެ. ޚާއްޞަކޮށް އަންހެން ކަނބަލުންގެ ތެރެއިން މި ވިސްނުމުގައި މަސައްކަތް ކުރާ އަންހެނުންނަކީ ކާމިޔާބު ބައެކެވެ. ހުރިހާ ގޮތަކުން ވެސް މެއެވެ. އެކަމަށްޓަކައި ބޭނުންވަނީ ހަމައެކަނި ހިތްވަރެވެ. ސާބިތުކަމެވެ. ކެރިގެން މަސައްކަތްކުރުމެވެ.
ރާއްޖޭގައި މިފަދަ ނަމޫނާ އަންހެނުން މަދެއް ނޫނެވެ. ޚާއްޞަކޮށް އައްޑޫސިޓީއަށް ނިސްބަތްވާ މިފަދަ ހުނަރުވެރި ގާބިލް އަންހެނުން ގިނަކަން ފާހަގަކޮށްލެވެއެވެ. ތަފާތު އެކި ދާއިރާތަކުންނެވެ.
ސ.މަރަދޫ މަހިނޫރު ދިހުޝާނާ (ދިހޫ) އަކީ މިފަދަ ނަމޫނާ ކަނބަލެކެވެ. ތަފާތު ގިނަ މަސައްކަތް ދަސްކޮށް އެމަސައްކަތުން އާމްދަނީ ހޯދައި އަދި އެމަސައްކަތްތައް އެހެން އަންހެނުން ދަސްކޮށްދީ ކަނބަލުން ބާރުވެރިކުރުމަށް އެހީތެރިވެދިނުމަކީ ޝައުގުވެރިކަމާއެކު ދިހޫ ކުރާ ކަމެކެވެ.
ދިހޫއަށް ނޭނގޭ މަސައްކަތެއް ނެތެވެ. އޭނާ އަކީ ފެޝަން ޑިޒައިނަރެކެވެ. ފައިވާނާއި ދަބަސް ހަދައެވެ. މޮޅަށް ފަހައި އެރޮނގުން މީހުން ތަމްރީންކުރެއެވެ. ތަފާތު އެކިވައްތަރުގެ ތަކެތި ބޭނުންކޮށްގެން ސުވެނިއާސް ތައްޔާރުކުރެއެވެ. ދިހޫ އަކީ ކަސްރަތު އިންސްޓްރަކްޓަރ އެކެވެ. ގިނަ ކުޅިވަރުތަކެއް ދަންނަ ދިހޫއަކީ ކުޅިވަރުގެ ރޮނގުގައިވެސް ހަމަ ތަރިއެކެވެ. ހަމަ އެހެންމެ މަސާޖް އަދި ތެރަޕީ އަށް ވެސް ދިހޫ މޮޅެވެ. ގަސް އިންދުމާއި ގަހުގެ ވިޔަފާރިއަކީ މިހާރު ދިހޫ ކުރަމުންދާ އިތުރު މަސައްކަތެކެވެ. މިހުރިހާ ކަމަކާއެކުވެސް ދިހޫ ފާހަގަކޮށްލެވެނީ ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ “ރަށްވަންތަ” މީހެއްގެ ގޮތުގައެވެ.
ދިހޫގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފައިވާން ހެދުމުގެ މަސައްކަތެވެ. މީހުން ފައިވާން ހަދާފައި ހުންނަ ގޮތާއި އެ މަސައްކަތް ކުރަނީ ކިހިނެއްކަން އެއީ ކުޑައިރުއްސުރެން ފެށިގެން ދިހޫ ވިސްނަމުން ދިޔަ ކަމެކެވެ. އަދި ކޮންމެވެސް ދުވަހަކުން މިފަދަ މަސައްކަތެއް އަމިއްލައަށް ކޮށް އަމިއްލައަށް ހަދާ ފައިވާނަކަށް އަރަން ދިހޫ އުއްމީދުކުރިއެވެ. މި އުއްމީދު ހަގީގަތަކަށް ވެގެން ދިޔައީ ލަންކާގައި އާއިލާއާއެކު ދިރިއުޅުނު ދުވަސްވަރު ލަންކާގެ ފައިވާން ފެކްޓަރީއެއް ފެނި އެތަނުގައި ކުރާ މަސައްކަތް ބަލާލުމުގެ ފުރުސަތު ލިބުނު ހިސާބުން ފެށިގެންނެވެ. އެހާ ހިސާބުން ދިހޫ އެ މަސައްކަތް ދަސްކޮށް އަމިއްލަ ފައިވާން އަމިއްލައަށް ޑިޒައިންކޮށްގެން ބޭނުންކުރަން ފެށިއެވެ.
ދިހޫގެ ދަބަހުގެ މަސައްކަތަކީ ވެސް ހަމަ އެހާމެ ހައިރާންވާންފަދަ ހުނަރުވެރި މަސައްކަތެކެވެ. ވޫލް، ލެދަރ އަދި ފޮތި ފަދަ ތަކެތި ބޭނުންކޮށްގެން ދިހޫ ތައްޔާރުކުރާ ދަބަސް ވެސް ނުހަނު ރީއްޗެވެ.
ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ދިހޫ އަކީ ހުރިހާ ވައްތަރެއްގެ ހެދުން ފެހުމަށްވެސް ޝައުގުވެރިކަން ހުންނަ އަދި އެމަސައްކަތް ކުރަމުން އަންނަ މީހެކެވެ. ގަމުގައި ގާމެންޓް ފެކްޓްރީ ހިންގި ޒަމާނުގައި އޭނާގެ ދައްތަ ގެންނަ “ގަމުފޮތި” ކޮޅު ބޭނުން ކޮށްގެން ފެށި ފެހުމުގެ މަސައްކަތުން މިހާރު އެއީ މޮޅު ފެހުންތެރިއެކެވެ. ސްކޫލް ކުދިންގެ ޔުނީފޯމުން ފެށިގެން ހުރިހާ ހެދުމެއް އޭނާ ފަހައެވެ. ގައުން އާއި ޑިގްރީ ހެޓް ހަދައެވެ. ތަފާތު އެކި ޑިޒައިންތަކަށް ދޮރުފޮތި ހަދައެވެ. ދިވެހި ހެދުމުގެ އިތުރުން ސާޅީ ފަހަން ވެސް ދިހޫ ދަސްކުރިއެވެ. މިނާ ފަދަ ތަކެތި ބޭނުންކޮށްގެން ދިހޫ ތައްޔާރުކުރާ ސާޅީތައް ލަންކާގައިވެސް ވިއްކާހަދާފައިވެއެވެ. ދިހޫ ވަނީ އޭނާގެ މިފަދަ ޑިޒައިންތައް ލަންކާގެ މުބާރާތެއްގައިވެސް ބައިވެރިކޮށްފައެވެ. މިމުބާރާތުގައި ބައިވެރިވުމަކީ ދިހޫ އަށް މިދާއިރާއިން ލިބުނު ބޮޑު ކުރި އެރުމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.
ގުދުރަތުން ލިބިފައިވާ “މަލްޓި ޓާސްކް” ހުނަރުގެ ބޭނުން އޭގެ އެންމެ އެދެވޭ ގޮތުގައި ދިހޫދަނީ ކުރަމުންނެވެ. އެގޮތުން ދިހޫއަށް އެނގޭ ހުރިހާ މަސައްކަތެއް އެހެން މީހުންނަށް ދަސްކޮށްދީ އަންހެނުން ބާރުވެރިކުރުމަށް އެހީތެރިވެދިނުމަކީ ދިހޫ އެންމެ އުފާވާކަންތައްތަކެވެ.
“ކޮންމެ މީހަކަށް ވެސް ކޮންމެވެސް މަސައްކަތެއް ކޮށްލެވޭނެ. ބޭނުންވަނީ ޝައުގުވެރިކަން. އާމްދަނީ ހޯދުމަށް ވަކި މަސައްކަތެއްނެތް. އަންހެނުންނަށް އާމްދަނީ ހޯދުމަށް ގޭގައި ތިބެގެންވެސް ކޮށްލެވޭނެ ގިނަ ކަންކަން އެބަހުރި. ބޭނުންވަނީ ހިތްވަރު. ތިމާގެ އަމިއްލަ ކުދިކުދި ކަންތައްތައް ކޮށްލުމަށް އެހެންމީހަކަށް ބަރޯސާ ނުވެ އަމިއްލަ މަސައްކަތުން ލާރިއެއް ލިބޭވަރަށް މަސައްކަތް ކުރެވޭނަމަ އެއީ ލިބޭނެ ހިތްހަމަޖެހުމެއް” ދިހޫ ދެކޭ ގޮތަކީ އެއީއެވެ. ކޮންމެ އަންހެނަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ އަމިއްލަ މީހަކަށް ވާންޖެހޭނެ ކަމެވެ.
މާލެ އަދި އަތޮޅުތަކުގެ ރަށްތަކުގައި ދިހޫ ދަނީ އޭނާއަށް އެނގޭ މަސައްކަތްތައް މީހުންނަށް ދަސްކޮށްދިނުމުގެ ކްލާސްތައް ނަގަމުންނެވެ. ފައިވާނާއި ދަބަސް ކޯހެވެ. ފެހުމާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ ކޯސްތަކެވެ. މާ ދިގު ނޫން މުއްދަތެއްގެ މި ކޯސްތަކުން ދަރިވަރުންނަށް އެތައް އެއްޗެއް އުނގަންނައިދެމުން ދިޔައެވެ. އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ހެޔޮ އަގުގައި ހިންގާ މިކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކޯސް ނިންމުމަށްފަހު މިމަސައްކަތް ވިޔަފާރި އުސޫލުން ކުރުމަށް އެހީތެރިވެދޭކަމެވެ. އެގޮތުން ފައިވާން ހެދުމަށް ބޭނުންކުރާ ބައެއް ސާމާނު އެތެރެ ކުރުމުގައި އެހީތެރިވެދެއެވެ. އަދި ފައިވާން ހެދިދާނެ ތަފާތު ރީތި ޑިޒައިންތައް ކިޔައިދީ ހަދައެވެ.
އަމިއްލަ އާއިލާއާއި އެކު މިހާރު ދިހޫ ހިންގާ “ހަބްރޫޓް” ފިހާރައަކީ ވެސް މި ސިލްސިލާގެ ތެރެއިން އެއްބޮޅެވެ. ރާއްޖެއަށް ގަސް އެތެރެކޮށް ތަފާތު އެކިވައްތަރުގެ ގަހާއި ގަސް އިންދުމަށް ބޭނުންކުރާ ސާމާނު ދިހޫގެ ފިހާރައިން ވިއްކައެވެ. ހަމައެހެންމެ ގަސްއިންދާނެ ގޮތާއި ގަހަށް ޖެހޭ ބަލިތަކުން ގަސް ހިމާޔަތްކޮށް ބަލަހައްޓާނެ ގޮތްވެސް ދިހޫ ކިޔައިދެއެވެ.
ދިހޫގެ އުއްމީދަކީ މުސްތަގުބަލުގައި އަންހެނުންނަށް މަސައްކަތް ދަސްކޮށްދޭ އިންސްޓިޓިއުޓެއް ހުޅުވައި އައްޑޫގެ އަންހެނުންގެ އަތުގައި ހިފައިގެން ދިހޫއާއެކު ކުރިއަށް ދިއުމަށް ފުރުސަތު ހުޅުވާލުމެވެ. ދިހޫފަދަ “މަލްޓި ޓާސްކް” ގިނަ އަންހެނުންތަކެއް އައްޑޫން އުފެދިގެން ދިއުމެވެ.