English Edition
Dhivehi Edition

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރު، އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވައިފި އެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމަށް އިއްޔެ ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިގްތިސޯދުގައި މުހިއްމު ދައުރެއް އަދާކުރާ ސިޓީއަކަށްވާތީ އައްޑޫގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ ކަމަށެވެ. ވިޔަފާރިއާ ގުޅޭ ލަފަޔާއި، އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ މައުލޫމާތު ދީފަ އެވެ.

ބީއެމްއެލް އިން އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.